ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީ.ސީ.ޕީ) އިން ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ނިޒާމީ ގޮތެއްގައި ހިލާފުވެ، އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް އެމެރިކާގެ ކޮންގްރެޝަނަލް-އެގްޒެކެޓިވް ކޮމިޝަން އޮން ޗައިނާ (ސީ.އީ.ސީ.ސީ) އިން ނެރުނު އާ ރިޕޯޓެއްގައި ތުހުމަތުކޮށްފިއެވެ. 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބެއިޖިންގްއިން ގާނޫނީ އަދި ޑިޕްލޮމެޓިކް އިލްތިޒާމްތަކާ ތަކުރާރުކޮށް ހިލާފުވަނީ ވެރިކަން ހިންގުމުގެ އުސޫލެއްގެ ގޮތުގައެވެ.
ޗައިނާގެ އިންސާނީ ހައްގުތަކާއި ގާނޫނީ ހާލަތު ބެލުމަށް 2000 ވަނަ އަހަރު އުފެއްދި މި ކޮމިޝަނުން ބުނާ ގޮތުގައި، ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ގައުމުތަކުން ޗައިނާއާ އެކު ގުޅުން ބަދަހިކުރި ނަމަވެސް، އެ ގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. މިގޮތުން އެމެރިކާގެ ރައްޔިތުން ގާނޫނާ ހިލާފަށް ބަންދުކުރުމާއި، މަޖުބޫރުން މަސައްކަތް ކުރުވުމާއި، ބޭރު ގައުމުތަކުގެ ޑޭޓާ ހޯދުމަށް މަގުފަހިވާ ގޮތަށް ހަދާފައިވާ ގައުމީ ސަލާމަތާ ބެހޭ ގާނޫނުތައް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ސީ.އީ.ސީ.ސީގެ ރިޕޯޓުގައިވާ ގޮތުން ޗައިނާގެ ޖިނާއީ އަދުލުގެ ނިޒާމަކީ ސިޔާސީ ހަތިޔާރެކެވެ. އެ ކޮމިޝަނުގެ ޑޭޓާބޭސްގައި 11,000 އަށްވުރެ ގިނަ ސިޔާސީ ކުށްވެރިން ރެކޯޑުކުރެވިފައިވާއިރު، މިއީ އަސްލު އަދަދަށްވުރެ މަދު އަދަދެއް ކަމަށް ބެލެވެއެވެ. ޚިޔާލު ތަފާތުވާ ފަރާތްތަކާއި، ދީނީ މީހުންނާއި، ނޫސްވެރިން އަދި ނަސްލީ ގޮތުން ބައިމަދު މީހުން އެއްވެސް އިންސާފުވެރި ޝަރީއަތަކާ ނުލައި ހައްޔަރުކޮށް، އަނިޔާކޮށް، ނަފްސާނީ ބަލިމީހުން ބައިތިއްބާ މަރުކަޒުތަކާއި ”ޖަލުތަކުގައި“ ބަންދުކުރާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ޗައިނާއިން ބޭރު ގައުމުތަކުގައި ތިބޭ އެ ގައުމަށް ފާޑުކިޔާ މީހުންނަށް ފާރަލައި، އުނދަގޫ ކުރުމަށްޓަކައި ނުރަސްމީ ފުލުހުންގެ މަރުކަޒުތައް ހިންގާ ކަމުގެ އިންޒާރުވެސް ރިޕޯޓުގައި ދީފައިވެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދުނިޔޭގެ މަސްރަހުގައި ދޮގު މައުލޫމާތު ފެތުރުމާއި، ސެންސަރޝިޕްގެ އުސޫލުތައް އެހެން ގައުމުތަކަށް ފެތުރުމަށް މަސައްކަތްކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ދީނީ މިނިވަންކަމާ ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މުސްލިމުންނާއި، ޕްރޮޓެސްޓަންޓް އަދި ކެތަލިކް ފައްޅިތަކާއި، ފަލުން ގޮންގްގެ އަހުލުވެރިންނަށް ކުރާ އަނިޔާތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ލިސްޓުގެ އެންމެ ފުލުގައި ޗައިނާ އޮތުމަކީ އެ ގައުމުގައި މައުލޫމާތު ކޮންޓްރޯލްކޮށްފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއިން ވަނީ ނަސްލީ ތަފާތުކުރުމާއި، އަނިޔާކުރުމާއި، މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވެފައެވެ. ވަކިން ހާއްސަކޮށް، ހޮންގްކޮންގަށް ދީފައިވާ މިނިވަންކަން ނިގުޅައިގަތުމަކީ ޗައިނާއިން ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރާކަމުގެ އެންމެ ބޮޑު އެއް ހެކި ކަމަށް ސީ.އީ.ސީ.ސީގެ ރިޕޯޓުގައި ނިންމާފައިވެއެވެ.






