ވިއެޓްނާމްގެ 14 ވަނަ ނޭޝަނަލް ޕާޓީ ކޮންގްރެސް ހަނޯއީގައި ފެށުން

އިބްރާހީމްް ސަމީރު
ޖެނުއަރީ 20, 2026

ވިއެޓްނާމްގެ ސިޔާސީ އަދި ތަރައްޤީގެ ދަތުރުގައި ފާހަގަކޮށްލެވޭ މުހިންމު މަރުޙަލާއެއް ކަމަށްވާ ކޮމިއުނިސްޓް ޕާޓީގެ 14 ވަނަ ނޭޝަނަލް ކޮންގްރެސް ޖެނުއަރީ 19 އިން 25 އަށް ހަނޯއީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސްއަކީ ވިއެޓްނާމްގެ ކުރިމަގު ބައްޓަންކުރުމަށާއި، ވޭތުވެދިޔަ އަހަރުތަކުގެ ކާމިޔާބީތައް ވަޒަންކުރުމަށް ބޭއްވޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ.

މި ކޮންގްރެސްގައި މަންދޫބުން މައިގަނޑު ގޮތެއްގައި ބައްލަވާލައްވާނީ ވިއެޓްނާމުން ގެނައި ’ދޯއީ މޯއީ‘ އިޞްލާޙީ ބަދަލުތަކަށް 40 އަހަރު ފުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދިހަ އަހަރުގެ އިސްތިރާތީޖީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، 2045 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ ތަޞައްވުރާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ދުނިޔެއަށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ޓެކްނޮލޮޖީއަށް އައި ހަލުވި ބަދަލުތަކާއެކުވެސް، ވިއެޓްނާމުން ވަނީ 13 ވަނަ ޕާޓީ ކޮންގްރެސްގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. 2021 އާއި 2025 އާ ދެމެދު އެ ޤައުމުގެ އިޤްތިޞާދު އަހަރަކު އެވްރެޖްކޮށް 6.3 އިންސައްތައިގައި ކުރިއަރާފައިވެއެވެ. ޖީ.ޑީ.ޕީ 514 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ބޮލަކަށް ޖެހޭ އާމްދަނީ ވަނީ 5,026 ޑޮލަރަށް އުފުލިފައެވެ. މިއާއެކު ވިއެޓްނާމް މިހާރު ހިމެނެނީ މެދު ފަންތީގެ މަތީ އާމްދަނީ ލިބޭ ޤައުމުތަކުގެ ތެރޭގައެވެ.

އިންސާނީ ތަރައްޤީގެ ދާއިރާއިންވެސް ވިއެޓްނާމުން ވަނީ ނަމޫނާ ދައްކާފައެވެ. އެ ޤައުމުގެ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް 0.766 އަށް އުފުލިފައިވާއިރު، ފަޤީރުކަން ވަނީ 4.4 އިންސައްތައިން 1.3 އިންސައްތައަށް ދަށްކުރެވިފައެވެ. ސިއްޙީ އިންޝުއަރެންސްގެ ޚިދުމަތް އާބާދީގެ 95.2 އިންސައްތައަށް ފޯރުކޮށްދެވިފައިވާއިރު، މީހުންގެ އެވްރެޖް އުމުރު ވަނީ 74.8 އަހަރަށް އިތުރުވެފައެވެ.

ވިއެޓްނާމްގެ ދިފާޢީ އަދި ސަލާމަތީ ބާރުތައް ޒަމާނީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ޚާރިޖީ ދާއިރާގައި އެ ޤައުމުން ގެންގުޅެނީ މިނިވަން އަދި ގިނަ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ސިޔާސަތެކެވެ. މީގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށާއި ތަރައްޤީއަށް ބޮޑެތި އެހީތެރިކަމެއް ލިބެމުންދެއެވެ.

ވިއެޓްނާމާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން ދަނީ އެއްދުވަހުން އަނެއްދުވަހަށް ބަދަހިވަމުންނެވެ. ދެ ޤައުމުންވެސް ދަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަމުންނެވެ. އިންޑިއާ ކަނޑާއި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ސުލްޙައާއި ތަނަވަސްކަމަށްޓަކައި ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވިއެޓްނާމުން ވަނީ ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

14 ވަނަ ނޭޝަނަލް ޕާޓީ ކޮންގްރެސްއަކީ ވިއެޓްނާމްގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ ބައްދަލުވުމެކެވެ. އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، 2045 ވަނަ އަހަރާ ހަމައަށް އެ ޤައުމުން ގެންގުޅޭ ތަޞައްވުރަކީ މުޅި ސަރަޙައްދަށްވެސް އޭގެ ފައިދާ ކުރާނެ ކަންކަމެވެ.

މި ލިޔުމާ ގުޅޭ