އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އޭޖެންޓަކު މި މަހުގެ ކުރީކޮޅު މިނެސޯޓާގައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ރެނީ ނިކޯލް ގުޑް ގަޔަށް ބަޑިޖަހައި މަރާލުމާ ގުޅިގެން، އެ އެޖެންސީ އުވާލުމަށް އާންމުން ގޮވަން ފަށައިފއެވެ.
އިމިގްރޭޝަން އާބެހޭ ވަކީލުން ބުނާ ގޮތުގައި މި ހާދިސާއާއި، މިކަމާ ގުޅިގެން ޓްރަމްޕް ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުޅާކޮށްފައިވާ ޑިޕޯޓޭޝަން އެޖެންޑާއާ މެދު މުޅި ގައުމުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ވޮޝިންޓަން ޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އެމެރިކާ މިހާރު އޮތީ ނުރައްކާތެރި ދަނޑިވަޅެއްގައި ކަމަށް ބުނެ، ކޮންގްރެސް އިން މިކަމާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ އައިސްގެ އޭޖެންޓުންގެ އަދަދު 22,000 އަށް އިތުރުކޮށް، އެ އެޖެންސީގެ ސައިޒު ދެގުނަ ކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ދުވާލަކު 100,000 މީހުން ބަންދުގައި ބޭތިއްބުމާއި، އަހަރަކު އެއް މިލިއަން މީހުން ގައުމުން ބޭރުކުރުމެވެ.
މިދިޔަ އަހަރު ފާސްކުރި 170 ބިލިއަން ޑޮލަރުގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) ބަޖެޓުގެ ތެރެއިން 75 ބިލިއަން ޑޮލަރު އައިސްއަށް ހާއްސަކޮށްފައިވާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އެއްވެސް ބެލެހެއްޓުމެއް ނެތި ބޭނުންކުރާ ފައިސާގެ ފަންޑެއް ކަމަށެވެ.
މިނެސޯޓާގައި ހިނގި މަރުގެ ހާދިސާ ވީޑިއޯއަށް ރެކޯޑް ކުރެވިފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ރެނީ ނިކޯލް ގުޑް އޭޖެންޓެއްގެ ގައިގައި ކާރުން ޖައްސަން އުޅުނު ކަމަށް ބުނެ އޮފިޝަލުން ދެއްކި ވާހަކަތަކަކީ ދޮގެކެވެ. މިކަމުގެ ސަބަބުން އާންމުންގެ މެދުގައި ބޮޑެތި މުޒާހަރާތަކެއް ފެށި، އައިސް ޖަވާބުދާރީ ކުރުވުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.
ވަކީލުން ބުނާ ގތުގައި އެމެރިކާ މިހާރު އޮތީ ބޮޑު ބަދަލެއް އަންނާނެ ފަދަ ނާޒުކު ފައްތަރެއްގައެވެ. މުހާޖިރު މުޖުތަމައުތަކުގެ މެދުގައި ބިރުވެރިކަން އިތުރުވަމުންދާއިރު، އާންމުންގެ މެދުގައި މިކަމާ ދެކޮޅަށް ތެދުވާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސިޔާސީ ތާއީދާއި ބޮޑު ބަޖެޓެއް ލިބިފައިވުމުން، އައިސް އިން އަމަލުކުރަމުންދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ.
ޓްރަމްޕްގެ ދެވަނަ ދައުރު ކާމިޔާބު ކުރުމުގައި މީހުން ޑިޕޯޓްކުރުމުގެ ސިޔާސަތު މުހިންމު ދައުރެއް އަދާކުރި ނަމަވެސް، އާންމުންގެ ހިޔާލު ބަދަލުވަމުންދާ ދިއުމަކީ ގާނޫނީ އިސްލާހުތަކެއް ގެނައުމަށް ލިބޭ ފުރުސަތެއް ކަމަށް މުހައްލިލުން ދެކެއެވެ. ނަމަވެސް މިއީ ކޮންގްރެސްއިން އެކަމަށް ފިޔަވަޅު އަޅަން ބޭނުންވާ ނަމައެވެ.






