ދިގު އުމުރަކަށް ކަސްރަތުގެ މުހިންމުކަން

އިބްރާހީމްް ސަމީރު
ޖެނުއަރީ 22, 2026

ދިގު އަދި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަކީ ކޮންމެ އިންސާނަކުވެސް ކުރާނެ އުންމީދެކެވެ. ދާދި ފަހުން އެމެރިކާގެ ހާވާޑް ޔުނިވަރސިޓީން ކުރި ދިގު މުއްދަތުގެ ދިރާސާއަކުން ވަނީ ދިގު އުމުރެއްގެ ސިއްރަކީ ދުވަހުން ދުވަހަށް ކުރާ އެކި ބާވަތުގެ ކަސްރަތުތައް ކަން ހާމަކޮށްފައެވެ. މި ދިރާސާއަކީ ގާތްގަނޑަކަށް އެއްލައްކަ އެގާރަ ހާހަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން 30 އަހަރުގެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ވަރަށް ފުޅާ ދިރާސާއެކެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ އަމިއްލަ މައުލޫމާތާއި، ސިއްހީ ހާލަތުގެ ތާރީޚް އަދި ދިރިއުޅުމުގެ އާދަކާދަތައް ކޮންމެ ދެ އަހަރަކުން އެއްފަހަރު ބަލަމުން ގޮސްފައިވެއެވެ. މީގެ ތެރޭގައި އެމީހުން ކުރާ ކަސްރަތުތަކުގެ ތެރޭގައި ހިމެނޭ ހިނގުން، ދުވުން، ސިޑިން އެރުން، ބައިސްކަލް ދުއްވުން، އަދި ޓެނިސް ފަދަ ކުޅިވަރުތަކަށް ސަމާލުކަން ދީފައިވެއެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި ގަވާއިދުން ހަރަކާތްތެރިވެ އުޅޭ މީހުންގެ މަރުގެ ނުރައްކާ އެހެން މީހުންނަށްވުރެ ބޮޑުތަނުން ކުޑަވެއެވެ.

ދިރާސާއިން ދައްކާ ގޮތުގައި ހަމައެކަނި ހިނގުމަކީވެސް މަރުގެ ނުރައްކާ 17 އިންސައްތަ ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ޓެނިސް ނުވަތަ ސްކޮޭޝް ފަދަ ކުޅިވަރުތަކުން 15 އިންސައްތަ، ބަރުދަން އުފުލުމުގެ ކަސްރަތުން 13 އިންސައްތަ، އަދި ދުވުމުން 11 އިންސައްތަ ނުރައްކާ ކުޑަކޮށްދެއެވެ. އަދި އާދައިގެ ކަމެއްގެ ގޮތުގައި ފެންނަ ސިޑިން އެރުމުގެ އާދައިގެ ސަބަބުންވެސް 10 އިންސައްތަ މަރުގެ ނުރައްކާ ކުޑަވާކަން ފާހަގަކުރެވުނެވެ.

ކަސްރަތު ކުރުމަކީ ހަމައެކަނި އުމުރު ދިގުކޮށްދޭ ކަމެއް ނޫނެވެ. އެއީ ހިތުގެ ބަލިތަކާއި، ކެންސަރު، އަދި ނޭވާލާ ނިޒާމުގެ ބަލިތަކުން ދުރުކޮށްދޭ ކަމެއްވެސް މެއެވެ. ދިރާސާއިން ދައްކާ ގޮތުގައި ގަވާއިދުން ކަސްރަތު ކުރާ މީހުންނަށް މިފަދަ ބަލިތަކުގައި މަރުވުމުގެ ފުރުސަތު 13 އިންސައްތައާއި 41 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަވެގެންދެއެވެ. މިއީ ސިއްހީ ގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ބީ.އެމް.ޖޭ މެޑިސިން ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާއަކީ މީހުންގެ އަމިއްލަ މައުލޫމާތަށް ބިނާކޮށްފައިވާ ދިރާސާއަކަށް ވީނަމަވެސް، މީގެން ދޭހަވަނީ ވަރަށް މުހިންމު މެސެޖެކެވެ. އެއީ ދިގު މުއްދަތަކަށް ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ އިންސާނާގެ އުމުރު އިތުރުވުމަށް މަގުފަހިވާ ކަމެއް ކަމެވެ. އެހެންކަމުން، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކޮންމެ ދުވަހެއްގެ ތާވަލުގައިވެސް ކޮންމެވެސް ބާވަތެއްގެ ކަސްރަތެއް ހިމެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މި ލިޔުމާ ގުޅޭ