”ބޯޑް އޮފް ޕީސްގެ ޗާޓަރުގައި ހިމެނޭ ބައެއް ކަންކަމާ މެދު އަޅުގަނޑުމެންގެ ސީރިއަސް ޝައްކުތަކެއް އެބަހުރި. ހާއްސަކޮށް އޭގެ ދާއިރާއާއި، ހިންގުމާއި އަދި އދ. ގެ ޗާޓަރާ ފުށުއަރާ ކަންކަމާ މެދު،“ ބްރަސަލްސްގައި ބޭއްވި ޔޫރަޕްގެ އިއްތިހާދުގެ ސަމިޓަށްފަހު ވާހަކަ ދައްކަވަމުން ކޮސްޓާ ވިދާޅުވިއެވެ. ނަމަވެސް ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް ވަގުތީ އިދާރާއެއްގެ ގޮތުގައި މި ބޯޑު ހަރަކާތްތެރިވާ ނަމަ، ޣައްޒާގެ ސުލްހައިގެ ޕްލޭން ތަންފީޒު ކުރުމުގައި އެމެރިކާއާ އެކު މަސައްކަތް ކުރަން ތައްޔާރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމަށް އދގެ ބަދަލުގައި މަސައްކަތް ކުރުމަށް ޓްރަމްޕް އުފެއްދެވި މި މަޖިލީހުގެ ދާއިމީ މެންބަރަކަށް ވުމަށް 1 ބިލިއަން ޑޮލަރުގެ އަގެއް ދައްކަން ޖެހެއެވެ. އަދި މި ބޯޑަކީ ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް އުފެއްދި ތަނެއް ނަމަވެސް، އޭގެ ޗާޓަރު އޮތްގޮތުން އެ މަޖިލީހުގެ ދައުރު ހަމައެކަނި ފަލަސްތީނަށް ހަނިވެފައި ނުވެއެވެ. އެއީ އދ. އާ ވާދަކުރާނެ އިދާރާއެއްގެ ގޮތުގައި ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
- ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަޖިލީހުގައި ބައިވެރިވުމަށް ލިބުނު ދައުވަތު ސްޕެއިން އިން ގަބޫލުކޮށްފައި ނުވާނެ ކަމަށެވެ.
- ފްރާންސުން ބުނެފައިވަނީ މިހާރު އޮތް ޗާޓަރަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ހާއްސަކޮށް އދ. ގެ މެންބަރުކަމާ ފުށުއަރާ ކަމެއް ކަމަށެވެ.
- އިނގިރޭސިވިލާތުން ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޓްރަމްޕް މި ބޯޑު އިފްތިތާހު ކުރެއްވީ ސްވިޒަލޭންޑްގެ ދާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައެވެ. މި ބޯޑާ މެދު މުސްލިމު ގައުމުތކުވެރިންނާއި ޓްރަމްޕަށް ޚުޝާމަދު ކުރާ ވެރިން ވަނީ އަތް ޖަހާފައެވެ.
މޮނޮކްރޯމް މީޑިއާ ސިންޑިކޭޓެޑްް ނިއުސް ސާވިސް






