މިނެސޯޓާއަށް ބައިނަލްއަގްވާމީ ލަޝްކަރެއް ބޭނުން

އިބްރާހީމްް ސަމީރު
ޖެނުއަރީ 25, 2026

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއާޕޮލިސްގައި ފެޑެރަލް އިމިގްރޭޝަން އޭޖެންޓުން ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު މަރުވުމާ ގުޅިގެން، އެ ސިޓީގައި 10 ހާސްމީހުން ބައިވެރިވާ ބޮޑެތި އިހުތިޖާޖުތަކެއް ފެށި، ފެޑެރަލް އިދާރާތަކާއި ލޯކަލް ސަރުކާރާ ދެމެދު އޮތް އިތުބާރު ވަނީ ގެއްލިފައެވެ. މި ހަމަނުޖެހުންތައް ބޮޑުވީ މި މަހުގެ ތެރޭގައި ހިނގި ދެ ހާދިސާއެއްގައި އާންމުންގެ ދެ މީހަކު ގަޔަށް ޓްރަމްޕްގެ ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެންނެވެ.

އެންމެ ފަހުން ހިނގި ހާދިސާގައި މަރުވީ އައިސީޔޫ ގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 37 އަހަރުގެ އެލެކްސް ޕްރެޓީއެވެ.

އައިސް އޭޖެންޓުން ބުނާ ގޮތުގައި ޕްރެޓީ ވަނީ ހަތިޔާރާއެކު އޮފިސަރުންނަށް ހަމަލާދީ، ހައްޔަރުކުރުމަށް ހުރަސް އަޅާފައެވެ. ނަމަވެސް، ވީޑިއޯ ހެކިތަކާއި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޭޖެންޓުން ވަނީ ޕްރެޓީގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައި، ބިމަށް ވައްޓާލައި ފިއްތާލުމަށްފަހު އޭނާގެ ގަޔަށް ބަޑިޖަހާފައެވެ.

މީގެ އިތުރުން، އުމުރުން 37 އަހަރުގެ ރެނޭ ގުޑް ނަމަކަށް ކިޔާ މައެއްގެ ގަޔަށް ބަޑިޖަހައި މަރާލި ހާދިސާގައި ވެސް އައިސް އޭޖެންޓުން ބުނެފައިވަނީ އެއީ އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގެ އިންސާނީ ހައްގުތަކުގެ ތަހުގީގެއް ފެށުމަށް މަސައްކަތް ކުރި އެފްބީއައި އޭޖެންޓަކަށް، އެ މައްސަލަ އަލުން ކްލެސިފައި ކުރުމަށް އެންގުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

އޮޕަރޭޝަން މެޓްރޯ ސާޖް އަދި އާންމުންގެ ކަންބޮޑުވުން

ޑިސެމްބަރު މަހުން ފެށިގެން ”އޮޕަރޭޝަން މެޓްރޯ ސާޖް“ ގެ ދަށުން މިނެސޯޓާގައި ހިންގަމުންދާ ރޭޑްތަކުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަންތަކުގައި އޮޅިގެން ބައެއް ގޭގެއަށް ދޮރުފަޅާލައ ދަންވަރު ވަދެފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާއިރު، އެމެރިކާގެ ރައްޔިތެއްގެ ގޮތުގައި ހުރި މީހަކު ވެސް ގަދަ ފިނީގައި ބޭރަށް ނެރެ ހައްޔަރުކުރުމަށްފަހު، އެއްވެސް ސަބަބެއް ބަޔާންނުކޮށް ފަހުން ވަނީ ދޫކޮށްލާފައެވެ.

މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް އާއި މޭޔަރު ޖެކޮބް ފްރޭ ވަނީ ފެޑެރަލް އިދާރާތަކުން ދޮގު މައުލޫމާތު ފަތުރައި، ފެޑެރަލް ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ޚާއްސަކޮށް، ކުށުގެ މައިދާނަށް ލޯކަލް ތަހުގީގު ޓީމުތައް ވަނުމަށް ހުރަސްއެޅުމާއި، ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރާ މީހުންނަށް ކަރުނަގޭސް އުކުން ފަދަ ކަންކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

މިހާރު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ދަނީ އޮޅުވާލުމަށް މި ހާދިސާތައް ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި ސެއިންޓް ޕޯލްގެ ފައްޅިއެއްގައި ހިނގި ކުރިމަތިލުމެއް ވެސް ހިމެނެއެވެ. މިނިއާޕޮލިސްގެ ރައްޔިތުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ފެޑެރަލް އެޖެންސީތަކުން އާންމުންގެ ސަލާމަތަށްވުރެ ބޮޑަށް އިސްކަންދެނީ ހިންގާ އަނިޔާވެރި އަމަލުތައް ދިފާއުކުރުމަށް ކަމަށް ލޯކަލް ލީޑަރުން ބުނެއެވެ.

މި ލިޔުމާ ގުޅޭ