ފަލަސްތީނުގެ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލްއަގުވާމީ ޖަމިއްޔާ، ”ޑޮކްޓާސް ވިތައުޓް ބޯޑާސް“ (އެމް.އެސް.އެފް) ގެ މަސައްކަތްތައް ހުއްޓުވުމަށް އިޒްރޭލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އެ ޖަމިއްޔާގެ ފަރާތުން ޣައްޒާގައި މަސައްކަތްކުރާ ފަލަސްތީނުގެ މުވައްޒަފުންގެ ލިސްޓެއް ހުށަހެޅުމަށް އިޒްރޭލުން އެންގި އެންގުމަށް އަމަލުކޮށްފައި ނުވާތީ ކަމަށް ބުނެއެވެ. މިކަމުގެ ސަބަބުން، އިޒްރޭލުގެ ޖެނޮސައިޑް ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނަކަށް ލިބެމުންދާ ފުރާނަ ސަލާމަތްކޮށްދޭ ފަދަ މުހިންމު ސިއްހީ އެހީތަކުން މަހުރޫމްވެގެންދާނެއެވެ.
އިޒްރޭލުގެ ”މިނިސްޓްރީ އޮފް ޑަޔަސްޕޯރާ އެފެއާޒް އެންޑް ކޮމްބެޓިން އެންޓިސެމިޓިޒަމް“ އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގައި އެމް.އެސް.އެފް އިން ކުރިއަށްގެންދާ ހުރިހާ ހަރަކާތްތަކެއް ހުއްޓުވުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި މި ފިޔަވަޅު އަޅަން ޖެހުނީ އެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ޖަމިއްޔާތަކަކަށް ވެސް ލާޒިމްކޮށްފައިވާ ގޮތަށް، އެ ތަނެއްގެ މުވައްޒަފުންގެ ތަފްސީލީ ލިސްޓު ހިއްސާކުރުމަށް އެމް.އެސް.އެފް އިން އިންކާރު ކުރުމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މިދިޔަ ޑިސެމްބަރު މަހު އިޒްރޭލުން ވަނީ އެމް.އެސް.އެފް އާއެކު އިންސާނީ އެހީ ފޯރުކޮށްދޭ 37 ޖަމިއްޔާއަކުން މާޗް މަހުގެ 1 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންގެ މައުލޫމާތު ހުށަނާޅައިފި ނަމަ، އެ ޖަމިއްޔާތަކުގެ ހަރަކާތްތައް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައެވެ. އިޒްރޭލުގެ މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އދ. އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިޒްރޭލުން މީގެ ކުރިން ވަނީ އެމް.އެސް.އެފްގެ ދެ މުވައްޒަފަކު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެމް.އެސް.އެފް އިން ވަނީ އެ ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ހުރަސްއެޅުން ހުއްޓާލައި، އެ ނިންމުން ބަދަލުކުރުމަށް އިޒްރޭލަށް ގޮވާލައްވާފައެވެ.
އިޒްރޭލުން މިފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، ދާދި ފަހުން ވަނީ އިރުމަތީ ގުދުސްގައި ހުންނަ އދ. ގެ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ ޖަމިއްޔާ (އުންރުވާ) ގެ އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޣައްޒާގެ ރައްޔިތުން ބުނާ ގޮތުގައި މިފަދަ ޖަމިއްޔާތައް މަނާކުރުމަކީ އެމީހުންގެ ދިރިއުޅުން މުޅިން ހަލާކުކޮށްލުމަށް އިޒްރޭލުން ހިންގާ ރޭވުމެކެވެ.






