އެމެރިކާގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރުކަން ކުރިން ކުރެއްވި ޕީޓަރ މެންޑެލްސަން، އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރގެ ލޭބަރ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ އޭނާއާ ދެމެދު އޮތް ގުޅުންތަކުގެ އިތުރު ތަފްސީލުތައް މީޑިއާގައި ހާމަވުމާ ގުޅިގެންނެވެ.
މެންޑެލްސަން އަކީ އެޕްސްޓީންއާއެކު ބަދަލުކޮށްފައިވާ އީމެއިލްތަކެއް ފެންމަތިވުމާ ގުޅިގެން، ވޮޝިންގޓަންގައި ހުންނަވާ އިނގިރޭސިވިލާތުގެ އެންމެ އިސް މަންދޫބުގެ މަގާމުން މިދިޔަ އަހަރު ވަކިކުރެވުނު ބޭފުޅެކެވެ. އާދީއްތަ ދުވަހު މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ލޭބަރ ޕާޓީން އިސްތިއުފާ ދެއްވީ ވެރިކަން ކުރާ ޕާޓީ އިތުރަށް ލަދުގަންނަންޖެހޭ ފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައެވެ.
ރާއްޖޭގައިވެސް މިފަދަ ބަދުނާމެއް ލިބިފައިޥާ ފަރާތުން މިފަދަ ފިޔަވަޅެއް އަޅުއްވާނެ ނަމަ ގައުމަށާއި ސަރުކާރަށް ހާދަހާ ވާފަސޭހައެއް ވީހެވެ؟
ބީބީސީ އާއި ދަ ގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެންޑެލްސަން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެޕްސްޓީންއާ ގުޅޭގޮތުން މި ހަފުތާ ބަންދުގައި ފެންމަތިވި ވާހަކަތަކުގެ ސަބަބުން އޭނާ އިންތިހާއަށް ހިތާމަކުރައްވާ ކަމަށެވެ. އަދި 2000 ގެ ކުރީކޮޅު އެޕްސްޓީންގެ އަތުން އޭނާއާއެކު ފައިސާގެ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރެއްވި ނަމަވެސް، އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މެންޑެލްސަން ބީބީސީއަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެޕްސްޓީންގެ ފަރާތުން އެއްވެސް ފައިސާއެއް ލިބުނު ހަނދާނެއް އޭނާ ނެތް ކަމަށާއި، މިހާރު ފެންމަތިވެގެން އުޅޭ ލިޔެކިޔުންތަކަކީ އަސްލު ލިޔުންތަކެއްކަން ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް، އެޕްސްޓީން ފަދަ މީހަކާ ގުޅުން އޮތް ކަމަށްޓަކައި މިއަދު ހިތާމަކުރައްވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ލޭބަރ ޕާޓީގެ އިސް ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. މެންޑެލްސަންގެ އިސްތިއުފާއާއެކު، އިނގިރޭސި ސިޔާސީ މަސްރަހުގައި މި މައްސަލަ ވަނީ އަނެއްކާވެސް ހޫނުވެފައެވެ.






