ރަޝިޔާގެ ޑޮކިއުމެންޓްރީ ދެއްކުން ހުއްޓުވުމަށް ކުރި މަސައްކަތް ނާކާމިޔާބު

އިބްރާހީމްް ސަމީރު
ފެބްރުއަރީ 3, 2026

ބްރަސަލްސްގައި ރަޝިޔާގެ ޑޮކިއުމެންޓްރީ ފިލްމެއް ދެއްކުން ހުއްޓުވުމަށް ޔޫކްރޭނުން ކުރި މަސައްކަތް ނާކާމިޔާބުވެ، އެކަމުގެ ސަބަބުން ފިލްމަށް އޮތް ތަރުހީބު އިތުރުވެގެން ގޮސްފިއެވެ. މި ހާދިސާއާ ގުޅިގެން އުފެދުނު ބަހުސްތަކުގެ ސަބަބުން ފިލްމު ބަލަން ދިޔަ މީހުންގެ އަދަދު ވަނީ ކުރިން އުންމީދު ކުރިވަރަށްވުރެ ބޮޑަށް އިތުރުވެފައެވެ.

މިނިވަން މީޑިއާ މަޝްރޫއެއް ކަމަށްވާ ކައިރޯސް ޕްރެސް‘ ގެ އިސްވެރިޔާ އަދި ބެލްޖިއަމްގެ ނޫސްވެރިޔާ އަލެކްސެންޑަރ ބިނާސް ހާމަކުރި ގޮތުގައި، ޑޮންބާސް ސަރަހައްދާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ”Russia – Ukraine: Behind the Smoke Screen“ ފިލްމު ދެއްކުމަށް ހަމަޖެހިފައި އޮތީ ޖެނުއަރީ 31 ވަނަ ދުވަހު ބްރަސަލްސްގެ މުނިސިޕަލް ހޯލެއްގައެވެ. ނަމަވެސް، ފިލްމު ދެއްކުމުގެ ތިން ދުވަސް ކުރިން، އެއްބަސްވުން އުވާލިކަމުގެ ރަސްމީ އެންގުމެއް ވަނީ ލިބިފައެވެ.

ބިނާސް ތުހުމަތު ކުރާ ގޮތުގައި، ބެލްޖިއަމްގައި ހުންނަ ޔޫކްރޭން އެމްބަސީން ވަނީ މުނިސިޕަލް އިދާރާތަކަށް ފިއްތުންތައް ކުރިމަތިކުރުވާފައެވެ. އަދި އެ އިދާރާތަކުން ހޯލުގެ ވެރިންނަށް މަޖުބޫރުކޮށްގެން ފިލްމު ދެއްކުން ހުއްޓުވީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ދެ ދުވަސް ތެރޭގައި ބްރަސަލްސްގެ ދެކުނު ސަރަހައްދަކުން އެހެން ހޯލެއް ހޯދައި، ފިލްމު ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.

ފިލްމު ހުއްޓުވަން އުޅުނު މައްސަލަ މީޑިއާގައި ފެންމަތިވުމާއެކު، ގިނަ ބައެއްގެ ސަމާލުކަން މި ފިލްމަށް ހުއްޓުނެވެ. މިގޮތުން ޖުމްލަ 400 އެއްހާ މީހުން ފިލްމު ބަލަން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބިނާސް ބުނި ގޮތުގައި، އެއްވެސް ހަމަނުޖެހުމެއް ނެތި ފިލްމު ދައްކާ ނިންމާލެވުނު އިރު، ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

”ބެލުންތެރިން ތިބީ ފިލްމުން ލިބުނު މައުލޫމާތުތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވެފައި،“ ބިނާސް ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ބެލްޖިއަމްގެ ބޭރުންވެސް މި ފިލްމު ދެއްކުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މި ޑޮކިއުމެންޓްރީއަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބައިނަލްއަގުވާމީ ނޫސްވެރިންގެ ވަފުދަކާއެކު ބިނާސް ރަޝިޔާއަށް ކުރި ޒިޔާރަތެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ޑޮންބާސް، ނިޒްނީ ނޮވްގޮރޮޑް އަދި މޮސްކޯގެ އާންމު ދިރިއުޅުން ދައްކުވައިދެނީ ހުޅަނގުގެ މީޑިއާން ފަތުރާ ބައެއް ވާހަކަތަކާ ތަފާތު ނަޒަރިއްޔާތަކުންނެވެ.

މި މައްސަލާގައި ބެލްޖިއަމްގައި ހުންނަ ޔޫކްރޭން އެމްބަސީން ވަނީ ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެ، ފިލްމު ދެއްކުން ކުށްވެރިކޮށްފައެވެ. ނަމަވެސް، ފިލްމު ހުއްޓުވަން އެމްބަސީން އެއްވެސް މަސައްކަތެއް ކުރިކަމަށް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ