މަނާކޮށްފައިވާ ޓެރަރިސްޓް ބަލޯޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ”ހީރޯފް ފޭސް 2.0″ ގެ ނަމުގައި ހިންގި އޮޕަރޭޝަންގައި، ބަލޯޗިސްތާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ޖަމާއަތުން ބުނާ ގޮތުގައި ކުވެޓާ، ގްވަދަރު އަދި މައުދަނުން މުއްސަނދި ޗާގީ ހިމެނޭހެން 14 ސިޓީއެއްގެ 48 ތަނަކަށް ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދާ މެދު ދެބަސްވުންތަކެއް ހުރިއިރު، ޕާކިސްތާނު ސަރުކާރުން ބުނަނީ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. ބީއެލްއޭ އިން ބުނަނީ ސަލާމަތީ ބާރުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބީއެލްއޭގެ ލީޑަރު ބަޝީރު ޒައިބް ފަރުބަދަމަތީ ސަރަހައްދެއްގައި ސައިކަލު ދުއްވަމުންދާއިރު، އެ ސަރަހައްދަކީ ރެކޯ ޑިކް ފަދަ ބޮޑެތި މަޝްރޫއުތައް ހިންގާ ސަރަހައްދުތައް އެމީހުންގެ ބާރު އޮތްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް ބެލެވެއެވެ. މި ހަމަލާތަކަކީ ހަމައެކަނި ޓެރަރިސްޓް އަމަލުތަކެއް ނޫން ކަމަށާއި، މިއީ އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމެއްގެ ނަތީޖާއެއް ކަމަށްކަމަށްވެސް ސިފަ ކޮށްފައި ވެއެވެ.
ބަލޯޗިސްތާނަކީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ސަރަހައްދަކަށް ވީ ނަމަވެސް، އެއީ ޕާކިސްތާނުގެ އެންމެ ފަގީރު އެއް ސަރަހައްދެވެ. އެ ސަރަހައްދުގެ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި ދައުލަތުން އެ ސަރަހައްދުގެ މުއްސަނދިކަން ނަގަމުންދާއިރު، ތަރައްގީގެ އެއްވެސް ފައިދާއެއް ރައްޔިތުންނަށް ނުކުރެއެވެ. އަދި އިގްތިސާދީ މުހިންމު ތަންތަން ހިމާޔަތްކުރުމުގެ ނަމުގައި މުޅި ސަރަހައްދު އަސްކަރީ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ބަލޯޗިސްތާނުގައި މީހުން ނިޒާމުން ގެއްލުވާލުމާއި، ޝަރީއަތަކާ ނުލައި މީހުން މެރުމާއި، ސުލްހަވެރި ހަރަކާތްތަކަށް ހުރަސްއެޅުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް ބުނެފައެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެތައް ހާސް ބަލޯޗް ދަރިވަރުންނާއި، އެކްޓިވިސްޓުންނާއި އާންމުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 2025 ވަނަ އަހަރު އދ. ގެ ތަޖުރިބާކާރުން ވަނީ މިގޮތަށް މީހުން ގެއްލުވާލުން ހުއްޓުމެއް ނެތި ކުރިއަށްދާާތީ އެކަން ކުށްވެރިކޮށްފައެވެ.
ފަހަކަށް އައިސް މި ހަމަނުޖެހުންތައް ވަނީ އިތުރަށް ގޯސްވެފައެވެ.
- 2020 ވަނަ އަހަރު ދަރިވަރު ހަޔާތު ބަލޯޗް މަރާލުމާއި،
- 2023 ވަނަ އަހަރުގެ ހައްގު ދޯ ތަހްރީކް މުޒާހަރާތަކަށް ބާރުގެ ބޭނުންކުރުމާއި،
- 2024 ވަނަ އަހަރުގެ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބެލެވުން ހިމެނެއެވެ.
- 2025 ވަނަ އަހަރު މަޝްހޫރު އެކްޓިވިސްޓް ޑރ. މާހްރަންގް ބަލޯޗް ހައްޔަރުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މިކަމަށް ވަނީ ލިބިފައެވެ.
މިފަދަ އަނިޔާވެރިކަން ކުރިއަށްދާ ނަމަ އިތުރު ޒުވާނުން ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުމުގެ ފުރުސަތު ބޮޑުަކަމަށް އިންޒާރު ދެއެވެ. މިފަހަރުގެ ބީއެލްއޭ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.






