އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 4, 2026

އީރާނުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، އެ ގައުމުގެ މަސްރަހު ގޯސްކުރުމަށްޓަކައި އިސްރާއީލުން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާ ކަމަށް ފަރަންސޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ”ލެ ފިގާރޯ“ އިން ރިޕޯޓުކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ ނޫހުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ރޫހު އާލާކުރުމަށްޓަކައި އިސްރާއީލުން އިންޓަނެޓުގެ ޒަރީއާއިން ބޮޑު ހަނގުރާމައެއް ފަށާފައިވާ ކަމަށެވެ. މިގޮތުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ފޭކު އެކައުންޓްތަކާއި ދޮގު މައުލޫމާތު ފެތުރުމުގެ ހަރަކާތްތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާތަކުން ދައްކާގޮތުގައި، މި ކެމްޕޭނުގެ މަގުސަދަކީ އީރާނުގައި ހިނގަމުންދާ އިހުތިޖާޖުތަކަށް ހިތްވަރުދީ، 1979 ވަނަ އަހަރު ވެރިކަމުން ދުރުކުރެވުނު އީރާނުގެ ކުރީގެ ރަސްގެފާނުގެ ދަރިކަލުން ރިޒާ ޕަހްލަވީއަށް ތާއީދު އިތުރުކުރުމެވެ.

މި ކެމްޕޭނުގެ ނުފޫޒު އޮތް މިންވަރު ހާމަކުރަމުން ”ލެ ފިގާރޯ“ އިން ބުނެފައިވަނީ، އެކްސް ގައި ހަރަކާތްތެރިވި 4,765 އެކައުންޓަކުން އެކަނިވެސް 843 މިލިއަން ޓުވީޓު ފޮނުވާފައިވާ ކަމަށެވެ. އަދި އެހެން 11,421 އެކައުންޓަކުން 1.7 ބިލިއަން ”ލައިކް“ އެކި ޕޯސްޓުތަކަށް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އީރާނުގެ އަސްކަރީ އަމާޒުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަށްވުރެ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ މި ”މައުލޫމާތުގެ ހަނގުރާމަ“ މާ ވަރުގަދަކަމަށް ދިރާސާވެރިން ބުނެއެވެ. މިއީ އީރާނުގެ ދާޚިލީ މަސްރަހު ހަލަބޮލިކޮށް، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ބޭރުގެ ބާރުތަކުން ރާވައިގެން ހިންގާ ނުރައްކާތެރި ހަރަކާތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ލިޔުމާ ގުޅޭ