ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝީޢީ މަޒުހަބުގެ މީހުންގެ މިސްކިތަކަށް ދިން ޖާނު ގޮއްވާލުމުގެ މަލާއެއްގައި 31 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ޕާކިސްތާނުގެ ވެރިރަށަށް އަމާޒުކޮށް ދެވުނު އެންމެ ވަރުގަދަ އެއް ހަމަލާއެވެ.
މި ބާރުގަދަ ގޮވުން ގޮއްވާލާފައިވަނީ އިސްލާމްއާބާދުގެ އިރުދެކުނު ތަރްލައި ކަލާން ސަރަހައްދުގައި ހުންނަ ޚަދީޖަތުލް ކުބްރާ މިސްކިތުގައި ހުކުރު ނަމާދު ވަގުތުގައެވެ. ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވި ގޮތުގައި، ހަމަލާދިން މީހާ މިސްކިތަށް ވަންނަން އުޅުމުން ސެކިއުރިޓީ ގާޑުން އޭނާ ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ވަނީ ގާޑުންނަށް ބަޑިން ހަމަލާދިނުމަށްފަހު، ނަމާދަށް ތިބި މީހުންގެ ތެރޭގައި އަމިއްލައަށް ގޮއްވާލާފައެވެ.
އިސްލާމްއާބާދު އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ސަރަހައްދަށް ރެސްކިއު ޓީމުތައް ގޮސް 169 މީހަކު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިސްކިތުގެ ތެރޭގައި ލެއިން ތަތްތެޅިފައިވާ ހަށިތަކާއި، ތަޅައިގެން ގޮސްފައިވާ ބިއްލޫރިތައް ފެންނަން ހުއްޓެވެ.
ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިސްހާގު ދާރު ވަނީ މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އޭނާ ވިދާޅުވީ ”މިއީ މައުސޫމް އަޅުވެރިންނަށް އަމާޒުކޮށް ދިން ފިނޑި ހަމަލާއެއް“ ކަމަށާއި، އަޅުކަންކުރާ ތަންތަނަށް ހަމަލާދިނުމަކީ އިންސާނިއްޔަތާ ހިލާފު އަދި އިސްލާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. ޑިފެންސް މިނިސްޓަރު އާސިފް ތުހުމަތު ކުރެއްވި ގޮތުގައި ހަމަލާދިން މީހާއަކީ އަފްޣާނިސްތާނަށް ދަތުރުފަތުރުކޮށް އުޅޭ މީހެކެވެ.
ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ހޮސްޕިޓަލުގައި ހަރަކާތްތެރިވި ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒަޚަމްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނެއެވެ. އެމްބިއުލާންސްތަކާއި އަމިއްލަ އުޅަނދުތަކުގައި ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންދެވުނުއިރު، އެމީހުންގެ އާއިލާތަކުގެ މީހުން ދިޔައީ ހޮސްޕިޓަލް ސަރަހައްދުގައި ކަންބޮޑުވުމާއެކު އަޑުގަދަކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިސްލާމްއާބާދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. ސަލާމަތީ ބާރުތަކުން ދަނީ މިސްކިތް ހިމެނޭ ސަރަހައްދު ބަންދުކޮށް، މި ހަމަލާއާ ގުޅުންހުރި އިތުރު މައުލޫމާތު ހޯދުމަށް ތަހުގީގު ކުރަމުންނެވެ.






