މެލޭޝިއާގެ ފަހަންގް ސްޓޭޓްގައި ހުންނަ ޔުނިވާސިޓީ އިސްލާމް ފަހަންގް ސުލްތާން އަހުމަދު ޝާހް ގެ ނަން ”ޔުނިވާސިޓީ އަލް-ގުރުއާން“ އަށް ބަދަލުކުރުމަށް އެ ސްޓޭޓްގެ ސުލްތާން، އައްސުލްތާން އަބްދުﷲ ރިއާޔަތުއްދީން އަލް-މުސްތަފާ ބިލާހް ޝާހް ނިންމަވައިފިއެވެ. މިއީ މެލޭޝިއާގައި މިފަދަ ގޮތަކަށް ގުރުއާނަށް ހާއްސަކޮށްގެން އުފައްދާ ފުރަތަމަ ޔުނިވާސިޓީއެވެ.
ސުލްތާން އަބްދުﷲ ވިދާޅުވީ، ފަހަންގްގައި އިސްލާމްދީން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް، ގުރުއާނުގެ އިލްމަށް ބިނާވެފައިވާ ޔުނިވާސިޓީއެއްގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ނަމަށް އަންނަ ބަދަލެއް ނޫން ކަމަށާއި، މިއީ އެ ސްޓޭޓްގެ ފިކުރީ އަދި ރޫހާނީ ތަރައްގީގެ މަރުކަޒަކަށް ކީރިތި ގުރުއާން ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މި ބްރޭންޑިންގް އަކީ ސްޓޭޓްގައި ބިނާކުރެވޭ މުހިންމު ބިނާއެއް ފަދަ ކަމެއް. މީގެ ސަބަބުން ސްޓޭޓްގެ މިސްރާބާއި މަގްސަދު ވަރަށް ސާފުކޮށް އެނގިގެންދާނެ،“ ފަހަންގްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ސުލްތާން ވިދާޅުވެފައިވެއެވެ. މި ވާހަކަފުޅު އެމަނިކުފާނު ދެއްކެވީ ފަހަންގްގެ 69 ވަނަ ގުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ސުލްތާން އުންމީދު ކުރައްވާ ގޮތުގައި، އަލަށް އުފެދޭ ޔުނިވާސިޓީ އަލްގުރުއާންގެ ސަބަބުން ގުރުއާނުގެ އިލްމު ފެތުރި، އިލާހީ ވަހީގެ އަލީގައި މަސައްކަތްކުރާ އިލްމުވެރިންނާއި، ދާއީން އަދި ލީޑަރުން އުފެދިގެންދާނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިހުލާސްތެރިކަމާއެކު އަޅުކަމުގައި ދެމިތިބުމަށާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ފަހަންގްގެ ގުރުއާން މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދީފައިވެއެވެ. އެގޮތުން ގާރީންގެ ބައިން އެއްވަނަ ހޯދީ ޒުލްހާޝީމީ މުހައްމަދު ޔޫނުސް އެވެ. އަދި ގާރިއާއިންގެ ބައިން އެއްވަނަ ހޯދީ ނޫރުއްސައާދާ މުހައްމަދު ޒައިނީ އެވެ.






