ރަހީނު ކޮށްފައިވާ ފަލަސްޠިނު މީހުން ދަންޖައްސަން އިސްރާއީލުން ތައްޔާރުވާން ފަށައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 9, 2026

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠިނުގެ ރަހީނުންގެ ތެރެއިން ވަކި ބަޔަކަށް މަރުގެ އަދަބު ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އިސްރާއީލުގެ ޕްރިޒަން ސާވިސްއިން ފަށާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާން ރިޕޯޓުކޮށްފިއެވެ. އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތައްޔާރީތަކަކީ އިސްރާއީލުގެ ޕާލަމެންޓުން ފުރަތަމަ ކިޔުމުން ފާސްކޮށްފައިވާ މަރުގެ އަދަބު ދިނުމުގެ ގާނޫނުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ.

މި މަޝްރޫއުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރުމަށްޓަކައި ޚާއްޞަ މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަރުކަޒަށް ދީފައިވާ ނަމަކީ ”ޔަހޫދީ ގްރީން ކޮރިޑޯ“ އެވެ. ރިޕޯޓުތައް ބުނާގޮތުން މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެންނެވެ. މިކަން ކުރާނީ ތިން ގާޑުން އެއްވަގުތަކު ފިއްތާލާ ބަޓަނެއްގެ އެހީގައެވެ. އަދި މި މަސައްކަތުގައި ބައިވެރިވާނީ ހަމައެކަނި އަމިއްލައަށް އެދިގެން ކުރިމަތިލާ ގާޑުން ކަމަށާއި، އެމީހުންނަށް ޚާއްޞަ ތަމްރީނުތަކެއް ދެވޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ގާނޫނު އެންމެ ފުރަތަމަ ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ 2023 އޮކްޓޫބަރު 7 ގައި ހަމާސްއިން ދިން ހަމަލާތަކުގައި ބައިވެރިވި ކަމަށް ބުނާ މީހުންގެ މައްޗަށެވެ. އޭގެ ފަހުން ހުޅަނގު އައްސޭރީގައި ހިންގާފައިވާ އެކި ހަރަކާތްތަކާ ގުޅިގެން ކުށްވެރިވާ ފަލަސްޠިނު މީހުންގެ މައްޗަށްވެސް މި އަދަބު ހިންގާނެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި މަރުގެ ހުކުމް އިއްވާތާ 90 ދުވަހުގެ ތެރޭގައި އެ ހުކުމް ތަންފީޒު ކުރަން ޖެހޭނެއެވެ.

މިކަމާ ގުޅިގެން އދ. ގެ 12 މާހިރަކު ވަނީ އިސްރާއީލަށް މި ގާނޫނު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ހިންގާ މިފަދަ އަސްކަރީ ގާނޫނުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަންކަމެވެ. އަދި މިއީ ފަލަސްޠިނު މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުމެއް ކަމަށާއި، މީހުން ދިރިއުޅުމުގެ ހައްގަށް އަރައިގަތުން ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

މި ގާނޫނު ފަރުމާކޮށްފައިވާ ގޮތުން، އިސްރާއީލުގެ ރައްޔިތަކު މަރާލާ ކޮންމެ ފަލަސްޠިނު މީހަކަށް މަރުގެ އަދަބު ދެވޭނެއެވެ. ނަމަވެސް، ފަލަސްޠިނު މީހަކު މަރާލާ އިސްރާއީލު މީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން މަރުގެ އަދަބެއް ނާންނާނެއެވެ. މިކަމުގެ އިދާރީ އަދި ގާނޫނީ ކަންކަން ދިރާސާ ކުރުމަށްޓަކައި އިސްރާއީލުގެ ޕްރިޒަން ސާވިސްގެ ވަފުދެއް ވަރަށް އަވަހަށް ޔޫއޭއީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަރަބި ގައުމުތަކުން މިކަން ކުށްވެރުިކޮށް އަދި ފެކްސް މެސެޖެއް ނެރެފައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ