އިޒްރޭލުގެ ސިޔާސަތުތަކަށް އެމެރިކާގެ ވޯޓުލާ މީހުންގެ ތާއީދު ކުޑަވެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 9, 2026

އެމެރިކާގެ ސަރުކާރުގައި ޔަހޫދީންނަށް ސަޕޯޓު ހޯދައިދޭ އިޒްރޭލް ލޮބީ ގްރޫޕް، އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) ގެ ނުފޫޒު އެމެރިކާގެ އިންތިޚާބުތަކުގައި ކުޑަވަމުންދާކަމުގެ ނިޝާންތަކެއް ފެންނަން ފަށައިފިއެވެ. ޣައްޒާ ފައި ފަލަސްޠީނުގެ ޖެނޮސައިޑް ހަނގުރާމައާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ނުރުހުމާއި، އިޒްރޭލަށް އެމެރިކާއިން ދެމުންދާ ހައްދެއް ނެތް އެހީތަކާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ސަބަބުން، ޑިމޮކްރެޓިކް ޕްރައިމަރީތަކުގައި ޔަހޫދީ ސަޕޯޓަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ނާކާމިޔާބީއަކީ ނިއު ޖާޒީގެ 11 ވަނަ ޑިސްޓްރިކްޓުން ފެނިގެންދިޔަ ނަތީޖާއެވެ. އެ ދާއިރާއަށް ވާދަކުރެއްވި ޕްރޮގްރެސިވް ކެންޑިޑޭޓް އަނޭލިއާ މެހިއާ އަށް ހުރަސް އެޅުމަށް އައިޕެކުން 2.3 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކުރި އެވެ. ނަމަވެސް، އޭނާ ވަނީ ކުރީގެ ކޮންގްރެސް މެންބަރު ޓޮމް މަލިނޯވްސްކީގެ މައްޗަށް ކުރި ހޯއްދަވާފައެވެ. އައިޕެކުން ތާއީދުކުރި ތަހޭޝާ ވޭ އަށް ލިބުނީ 3 ވަނައެވެ. މިހާތަނަށް ގުނުނު ވޯޓުން މެހިއާ 29.1 އިންސައްތަ ހޯއްދަވާފައިވާއިރު، މަލިނޯވްސްކީއަށް ލިބިވަޑައިގަތީ 27.7 އިންސައްތައެވެ.

މި ނަތީޖާއަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ޔަހޫދީ އައިޕެކަށް ކުރިމަތިވި އެންމެ ބޮޑު އެއް ނާކާމިޔާބީ ކަމަށް މުހައްލިލުން ސިފަކުރެއެވެ. އެތައް އަހަރެއް ވަންދެން ފައިސާއާއި ނުސީދާކޮށް ރިޝްވަތު ދީގެން އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޮޑު ނުފޫޒެއް ފޯރުވަމުންދާ މި ޖަމާއަތުން، 2024 ވަނަ އަހަރުގެ އިންތިޚާބީ ބުރުގައި އެކަނިވެސް 190 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވެއެވެ. އަދި އެ ޖަމާއަތުން ތާއީދުކުރި ކެންޑިޑޭޓުންގެ 97 އިންސައްތަ މީހުން އިންތިޚާބުތައް ކާމިޔާބުކޮށްފައިވެއެވެ.

ނިއު ޖާޒީގެ ނަތީޖާގެ އިތުރުން، މިދިޔަ ނޮވެމްބަރު މަހު ނިއު ޔޯކް ސިޓީގެ މޭޔަރުކަމަށް އިޒްރޭލުގެ ސިޔާސަތުތަކަށް ފާޑުކިޔާ  ކެންޑިޑޭޓް ޒަހްރާން މަމްދާނީ އިންތިޚާބުވުމަކީވެސް އައިޕެކްއަށް ލިބުނު ބޮޑު ލޮޅުމެކެވެ. މި ނަތީޖާތަކުން ދޭހަކޮށްދެނީ، ޚާއްޞަކޮށް ޒުވާން ވޯޓުލާ މީހުންނާއި ޕްރޮގްރެސިވް ފިކުރުގެ މީހުން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އަމަލުތަކާ މެދު ދެކޮޅުވެފައިވާ ކަމެވެ.

އައިޕެކަށް މިހާރުގެ ސިޔާސީ މަސްރަހު އޮތްގޮތް ވަޒަންކުރެވިފައެއް ނުވެއެވެ. މެހިއާ ވަނީ އޮކްޓޫބަރު 7، 2023 ގެ ފަހުން އިޒްރޭލުން ޖެނޮސައިޑް ޖަރީމާ ހިންގަމުންދާ ކަމަށް ފާޅުގައި ތުހުމަތުކޮށްފައެވެ. މީގެ ކުރިން މިފަދަ ވާހަކައެއް ދައްކާ ކެންޑިޑޭޓަކަށް ސިޔާސީ ގޮތުން ކުރިއަށްދިއުމަކީ ނާދިރު ކަމެއް ނަމަވެސް، މިހާރު ފެންނަމުންދަނީ މިފަދަ ހަރުކަށި ލޮބީ ގްރޫޕްތަކާ ދުރު ކެންޑިޑޭޓުންނަށް އާންމުންގެ ތާއީދު އިތުރުވަމުންދާ ތަނެވެ.

މި ލިޔުމާ ގުޅޭ