ޕާކިސްތާނުގެ ދަރަޖައަށް އައި ބަދަލަކީ ނިޒާމީ ގޮތުން ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބޭނެ ފަދަ މާނަހުރި ބަދަލެއް ނޫން ކަމަށް ޓީއައި އިން ފާހަގަކުރެއެވެ. ޓީއައިގެ ޗެއާ ޖަސްޓިސް ޒިއާ ޕަރުވޭޒް ވިދާޅުވީ، އައިއެމްއެފްގެ ލަފާގެ މަތިން ކުރިއަށްގެންދާ އިސްލާހީ މަސައްކަތްތައް ހަލުވިކުރަން ޖެހޭ ކަމަށެވެ. ”ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މިހާރު ފެންނަން އޮތް ކުޑަ ކުރިއެރުން ވެސް ހުއްޓުމަކަށް އަތުވެދާނެ،“ އޭނާ އިންޒާރު ދެއްވިއެވެ.
- ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ ނޫސްވެރިންނަށް ޕާކިސްތާނަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ގައުމު ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
2025 ވަނަ އަހަރު އެކަނިވެސް ޕާކިސްތާނުގައި ފަސް ނޫސްވެރިން މަރާލާފައިވެއެވެ.
ޓީއައި އިން ފާހަގަކުރި ގޮތުގައި، ކޮރަޕްޝަންގެ ސްކޯ 50 އަށް ވުރެ ދަށް ގައުމުތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
މި އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި ދުނިޔޭގެ 68 އިންސައްތަ ގައުމުގެ ސްކޯ އުޅެނީ 50 އަށް ވުރެ ދަށުގައެވެ. އެމެރިކާ، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ޑިމޮކްރެޓިކް ގައުމުތަކުގެ ސްކޯ ވެސް ވަނީ ދަށްވެފައެވެ. ޓީއައިގެ ސީއީއޯ މައިރާ މާޓިނީ ވިދާޅުވީ، ކޮރަޕްޝަން އާލާވަނީ ޒިންމާދާރުކުރުވުން ކުޑަ ތަންތަނުގައި ކަމަށާއި، މިކަން ހުއްޓުވުމަށް މިނިވަން މީޑިއާއަކާއި ސިޔާސީ ފައިނޭންސިންގެ ދެފުށް ފެންނަ ނިޒާމެއް މުހިންމު ކަމަށެވެ.
ޕާކިސްތާނުގެ ޝަރުއީ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމަށާއި، ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށް ޓީއައި އިން ވަނީ ގޮވާލާފައެވެ. ޕާކިސްތާނަށް ލިބުނު ކުޑަ ކުރިއެރުން ދެމެހެއްޓޭނީ ދެފުށް ފެންނަ ސިޔާސަތުތަކެއް ގާއިމުކޮށް، އެކްޓިވިސްޓުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީގެން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.






