މި އަހަރުގެ ތަރާވީހު ނަމާދު ކުރާނީ 20 ރަކުޢަތަށް ކަމަށް ކަނޑައަޅައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 11, 2026

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ތަރާވީހު ނަމާދު، ޖޯޑަންގެ ހުރިހާ މިސްކިތެއްގައި ވެސް 20 ރަކުޢަތަށް ކުރުމަށް ޖޯޑަންގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް މުޙައްމަދު އަލްޚަލައިލާ ނިންމަވައިފިއެވެ.

މިނިސްޓަރުގެ މި ނިންމެވުމާއެކު، ޖޯޑަންގެ ހުރިހާ މިސްކިތެއްގައި ވެސް ތަރާވީހު ނަމާދު ކުރާނީ 20 ރަކުޢަތަށެވެ. ނަމަވެސް، ނަމާދު ކުރާ ވަގުތު މާބޮޑަށް ދިގުނުކޮށް، މައުމޫމުންނަށް ލުއިވާނޭހެން ނަމާދު ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވަނީ އިމާމުންނަށް އިރުޝާދު ދެއްވާފައެވެ.

ތަރާވީހު ނަމާދުގެ އިތުރުން، ރަމަޟާން މަހުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މިނިސްޓަރު ވަނީ ހާއްސަ އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، ކޮންމެ ދުވަހެއްގެ ފަތިސް ނަމާދާއި، މެންދުރު ނަމާދު އަދި އަޞްރު ނަމާދަށްފަހު ދީނީ ދަރުސްތަކާއި ވަޢުޡު އިތުރުކުރުމަށް އިމާމުންނަށް ވަނީ އަންގަވާފައެވެ.

މި ނިންމެވުމަކީ ރަމަޟާން މަހުގެ ރޫޙާނިއްޔަތު ދިރުވައި، މިސްކިތްތަކަށް ޖަމާވާ މީހުންނަށް ދީނީ މަޢުލޫމާތާއި ނަސޭހަތް ފޯރުކޮށްދިނުމަށް އަޅާމުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ލިޔުމާ ގުޅޭ