އީރާނުން އަލަށް އުފެއްދި އެޑްވާންސް ތެރަޕީ މެޑިސިނަލް ޕްރޮޑަކްޓްސް (އޭޓީއެމްޕީ) ތަކާއެކު، ރީޖެނެރޭޓިވް މެޑިސިންގެ ދާއިރާއިން އެގައުމުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. މި ކުރިއެރުމާއެކު، މި ދާއިރާއިން ދުނިޔޭގެ ރޭންކިންގައި އީރާން ވަނީ 12 ވަނައިން 7 ވަނައަށް ޖެހިލާފައެވެ.
2025 ވަނަ އަހަރު ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ 12 އިދާރާއަކުން ހުއްދަ ދީފައިވާ 148 އޭޓީއެމްޕީގެ ތެރެއިން ހަތް އުފެއްދުމަކީ އީރާނުގެ އުފެއްދުންތަކެވެ. މިއާއެކު އީރާން ވަނީ މި ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 10 ގައުމުގެ ތެރޭގައި ހިމެނިފައެވެ. 2023 ވަނަ އަހަރު މި ދާއިރާއިން އީރާނުގައި ހުއްދަ ދީފައިވަނީ އެންމެ އުފެއްދުމަކަށް ނަމަވެސް، މި އަހަރު އެ އަދަދު ވަނީ ހަތަކަށް އިތުރުވެފައެވެ.
އަލަށް އުފެއްދި ތަކެތީގެ ތެރޭގައި ސެލް ތެރަޕީ، ޓިޝޫ އިންޖިނިއަރިން އަދި ކައިމެރިކް އެންޓިޖަން ރިސެޕްޓަރ (ސީއޭއާރު) ޓީ-ސެލް ތެރަޕީ ހިމެނެއެވެ. މި އުފެއްދުންތައް ބޭނުންކުރަނީ ބަލިތަކުގެ ތެރޭގައި ހިމެނޭ ވިޓިލިގޯ، ސެރެބްރަލް ޕަލްސީ، ހަކުރު ބަލީގެ ސަބަބުން ފައިގައި އުފެދޭ ފާރުގަނޑުތައް، އަދި ބައެއް ބާވަތްތަކުގެ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. މީގެ ތެރެއިން ބައެއް އުފެއްދުންތަކަކީ ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ގާބިލުކަން ލިބިފައިވާ ތަކެތި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީއާ ބެހޭ ނައިބު ރައީސްގެ އޮފީހުގެ އޮފިޝަލެއް ކަމަށްވާ މުސްތަފާ ޣަނީ ވިދާޅުވީ، ”އަޅުގަނޑުމެންގެ އަމާޒަކީ މި ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަސް ގައުމުގެ ތެރޭގައި ހިމެނި، ބަލިމީހުން ފަރުވާއަށް ގައުމުން ބޭރަށް ދާންޖެހޭ ޖެހުން ނައްތާލުން“ ކަމަށެވެ. މީގެ އިތުރުން މިހާރުވެސް ސިއްހީ ދާއިރާއާ ގުޅުންހުރި 20 ޓެކްނޮލޮޖީ މަޝްރޫއެއް އީރާނުން ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ސްޕައިނަލް މަސްކިއުލަރ އެޓްރޯފީ (އެސްއެމްއޭ) ބައްޔަށް ބޭނުންވާ ބޭސް އުފެއްދުމާއި، ކެންސަރު ބަލި އަވަހަށް ދެނެގަނެވޭނެ ކިޓްތައް އުފެއްދުން ހިމެނެއެވެ. މި އުފެއްދުންތަކުގެ ސަބަބުން ގައުމުން ބޭރަށް ހޭދަވާ 40 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ސިއްހީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބަލިތައް ދެނެގަތުމުގެ ސައްހަކަން އިތުރުކޮށް، ޚަރަދު ކުޑަކުރުމަށްވެސް އީރާނުން ދަނީ މަސައްކަތް ކުރަމުންނެވެ.






