އީރާނުގެ ސްޕޭސް އެޖެންސީގެ ފުރަތަމަ ރާޑަރު ސެޓެލައިޓް ވަރަށް އަވަހަށް ދައްކާލާނެ ކަމަށް އެ އެޖެންސީގެ ވެރިޔާ ހަސަން ސަލާރިއޭ ވިދާޅުވެއްޖެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މިހާރު ކުރިއަށްދަނީ ’ރަޢަދު 1‘ އަދި ’ރަޢަދު 2‘ އާއިލާގެ ރާޑަރު ސެޓެލައިޓްތައް ފަރުމާކުރުމާއި އުފެއްދުމުގެ މަސައްކަތެވެ.
ހަސަން ސަލާރިއޭ ވިދާޅުވީ ”ރަޢަދު 1 ސެޓެލައިޓަކީ 50 މީޓަރަށްވުރެ ރަނގަޅު ރިޒޮލިއުޝަނެއް ހުންނަ އެސް.އޭ.އާރް ވައްތަރުގެ ރާޑަރު ސެޓެލައިޓެއް“ ކަމަށެވެ. މި ސެޓެލައިޓް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާތަކުގައި ކަމަށާއި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިއީ ދައްކާލެވޭނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 20 މީޓަރަށްވުރެ ރަނގަޅު ރިޒޮލިއުޝަނެއް ހުންނަ ’ރަޢަދު 2‘ ސެޓެލައިޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އެވެސް ދައްކާލެވޭނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ.
ރާޑަރު ސެޓެލައިޓްތަކުގެ އެންމެ ބޮޑު ފައިދާއަކީ އިންސާނުންގެ ލޮލަށް ފެންނަ ރޭންޖުގެ ބޭރުން، އެހެނިހެން ވޭވްލެންތްތަކުގައި ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވުމެވެ. މީގެ މާނައަކީ މޫސުން ގޯސްވިޔަސް، ދުމާއި ހިރަފުސް ހުއްޓަސް ނުވަތަ ވިލާގަނޑެއްގެ ތެރެއިން ވިޔަސް މި ސެޓެލައިޓްތަކަށް ފަސޭހަކަމާއެކު ފޮޓޯ ނެގޭނެއެވެ. ”ސްނޯއިން ފޮރުވިފައިވާ ސަރަހައްދުތަކުގައި ވެސް ފޮޓޯ ނެގުމުގެ މަސައްކަތް ކުރެވޭނެ“ ކަމަށް ސަލާރިއޭ ތަފްސީލުކޮށްދެއްވިއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އީރާނުން ވަނީ ތިން އާ ސެޓެލައިޓެއް ކާމިޔާބުކަމާއެކު އޯބިޓަށް ފޮނުވާލާފައެވެ. ’ޒަފަރު’، ’ޕާޔާ‘ އަދި ’ކައުސަރު‘ ނަމަކަށް ކިޔާ މި ތިން ސެޓެލައިޓް މިހާރު އޮތީ އޯބިޓަލް ޓެސްޓިންގ މަރުހަލާގައެވެ. އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސެޓެލައިޓްތަކުގެ ސަބްސިސްޓަމްތައް މަސައްކަތް ކުރަނީ ރޭވިފައިވާ ގޮތަށެވެ.
ނަމަވެސް، ’ޕާޔާ‘ ސެޓެލައިޓް އޯބިޓަށް ދޫކޮށްލުމުގެ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން، އެ ސެޓެލައިޓަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާ ކަމަށް އީރާނުގެ ގައުމީ ސްޕޭސް އެޖެންސީން ވަނީ ބުނެފައެވެ.
އީރާނުގެ ޓެކްނޮލޮޖީގެ މިކާމިޔާބިއަކީ އެމެރިކާގެ ތައްޕާހުން ނޫޅެ ހޯދާފައިވ ކާމިޔާބިއެކެވެ.






