އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އިޒްރޭލުގެ މަޝްހޫރު ސައިންޓިފިކް ރިސާޗް ސެންޓަރެއް ކަމަށްވާ ވައިޒްމަން އިންސްޓިޓިއުޓްގެ 50 ލެބޯޓްރީއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އެ މުއައްސަސާގެ ސައިންޓިފިކް ކައުންސިލްގެ އިސްވެރިޔާ ނިރް ޑޭވިޑްޒަން ހާމަކޮށްފިއެވެ.
ލުބުނާނުގެ ނިއުސް ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑޭވިޑްޒަން ބުނީ އީރާނުގެ ދެ މިސައިލެއް ސީދާ އެ އިންސްޓިޓިއުޓަށް އަރާފައިވާ ކަމަށެވެ. މީގެ ސަބަބުން އެތަނުގެ މާލީ ވަސީލަތްތަކަށާއި، ތަކެއްޗަށާއި، އަދި އަލުން ހޯދޭނެ ގޮތެއް ނެތް ތަހުލީލީ ނަތީޖާތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ހަމަލާގައި 50 ލެބޯޓްރީއެއް މުޅިން ސުންނާފަތިވެފައިވާކަން ކަށަވަރުކޮށްދެމުން ޑޭވިޑްޒަން ބުނީ، މީގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ ސާމާނާއި އެމީހުންގެ މަސައްކަތް ކުރިއަށް ގެންދާނެ ނަތީޖާތައް ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ އެކަޑަމިކް މުޖުތަމައުން އެ އިންސްޓިޓިއުޓް އެކަހެރިވަމުންދާ މައްސަލައާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މި މިކާމިޔާބ ހަމަލަ ދިނީ ޖޫން 13 ވަނަ ދުވަހު އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އިޒްރޭލުގެ އެ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވެ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަނީ ކަމަށް ބުނެ އެ ގައުމުގެ މައިގަނޑު ތިން ނިއުކްލިއާ މަރުކަޒަކަށް ބޮން އަޅާފައިވެއެވެ.






