ޣައްޒާގައި ހިންގަމުންދާ ފަލަސްޠީނުގެ ޖެނޮސައިޑް ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް އަށް ގައުމަކުން ތައްޔާރަށް އޮތްކަން ހާމަކޮށްފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމަށް ތައްޔާރަށް ތިބި ގައުމުތަކަކީ ތުރުކީ، ސްލޮވީނިއާ، ލިތުއޭނިއާ، ނޯވޭ، ސްވިޒަލޭންޑް، އަޔަލޭންޑް، އިޓަލީ އަދި ކެނެޑާ އެވެ.
މި ގައުމުތަކުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ފަލަސްޠީނުގެ ޖެނޮސައިޑް ގަތުލުއާންމާއި ހަނގުރާމައިގެ ކުށްތަކާ ގުޅިގެންނެވެ. މީގެ ކުރިން ތުރުކީގެ އިސްތަންބޫލް ޕްރޮސެކިއުޓާ އޮފީހުން ވަނީ ޣައްޒާގެ ގަތުލުއާންމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ 37 މީހަކު ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.
މި ލިސްޓުގައި ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ ވޯ މިނިސްޓަރު އިސްރާއީލް ކަޓްޒް އަދި ޖެނެރަލް ސްޓާފްގެ ޗީފް އީޔަލް ޒަމީރު ހިމެނެއެވެ. މި ފަރާތްތަކަށް ތުރުކީގެ ސަރަހައްދަށް ވަނުމާއި، އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ފަލަސްޠީނުގެ ޖެނޮސައިޑް ގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެކުނު އެފްރިކާއިން ވަނީ ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައިގައި ދެކުނު އެފްރިކާއާ އެކު ނިކަރާގުއާ، ކޮލަމްބިއާ، ލީބިޔާ، މެކްސިކޯ، ފަލަސްތީން، ސްޕެއިން އަދި ތުރުކީން ވަނީ ބައިވެރިވެފައެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ނަތަންޔާހޫ އާއި ކުރީގެ ވޯ މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. އެ ފަރާތްތަކުގެ މައްޗަށް އުފުލާފައިވަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ދައުވާއެވެ.






