ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ސެކަންޑަރީ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާގެ ފަހަތުގައި ހުރީ ނަފްސާނީ ބަލިކަމެއް ތަހައްމަލު ކުރަމުންދިޔަ 18 އަހަރުގެ މުޚައްނަސް ފިރިހެނެއް ކަމަށް އެ ގައުމުގެ ފުލުހުން ދެނެގަނެފިއެވެ. މިއީ ކެނެޑާގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ބަޑީގެމަރުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓަމްބްލާ ރިޖް ނަމަކަށް ކިޔާ ކުޑަ އަވަށެއްގެ ސްކޫލެއްގައި އަންގާރަ ދުވަހު ބަޑިޖަހާފައިވަނީ ޖެސީ ވެން ރޫޓްސެލާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން އުޅޭ ފިރިހެން މީހެކެވެ. މި ހާދިސާގައި ހަމަލާދިން މީހާ އާއެކު ޖުމްލަ 9 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ. ކުރިން 10 މީހުން މަރުވި ކަމަށް ރިޕޯޓްކުރި ނަމަވެސް، ފަހުން ފުލުހުން ވަނީ އެ އަދަދު އިސްލާހުކޮށްފައެވެ.
ބްރިޓިޝް ކޮލަމްބިއާގެ ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު ޑްވޭން މެކްޑޮނަލްޑް ވިދާޅުވި ގޮތުގައި، ރޫޓްސެލާ އަކީ އެ ސްކޫލުގެ ކުރީގެ ދަރިވަރެކެވެ. އޭނާ ސްކޫލުން ވަކިވެފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. ހަމަލާ ދިނުމަށްފަހު އޭނާ ވަނީ އަމިއްލައަށް މަރުވެފައެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ގިނަ މީހުން މަރާފައިވަނީ ސްކޫލުގެ ލައިބްރަރީ ތެރޭގައެވެ. ރޫޓްސެލާގެ ހަށިގަނޑު ފެނިފައިވަނީ ވެސް އެ ތަނުންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ އުފަންވިއިރު ފިރިހެނެކެވެ. ނަމަވެސް، މީޑިއާއިން މުޚައްނަސުންގެ ހައްގަށް ބާރުއެޅުމުން އެކަމާ ގަޔާވެގެން މީގެ ހަ އަހަރު ކުރިން އޭނާ ވަނީ އަންހެނަކަށް ބަދަލުވުމުގެ މަރުހަލާ ފަށާފައެވެ.
މި ހާދިސާ ހިނގި ވަގުތު ފުލުހުން ވަނީ ”މުށިކުލައިގެ އިސްތަށިގަނޑެއްލީ އަންހެންހެދުމެއް އަޅައިގެން ހުރި އަންހެނަކަށް“ ސަމާލުވުމަށް އާންމުންނަށް އިންޒާރު ނެރެފައެވެ. މި ހާދިސާ ހިނގި ޓަމްބްލާ ރިޖަކީ ގާތްގަނޑަކަށް 2،400 މީހުންގެ އާބާދީއެއް އޮންނަ އެކަހެރި ސަރަހައްދެކެވެ.






