އިންޑިއާގެ ކެރެލާ ސްޓޭޓުގެ ފުރަތަމަ ލޯފަން އަންހެން ފަނޑިޔާރުގެ ޝަރަފު ތާންޔާ ނޭތަން ސީ ހޯދައި ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ތާންޔާ މި ކާމިޔާބީ ހޯދާފައިވަނީ 2025 ވަނަ އަހަރުގެ ސިވިލް ޖަޖް ޖޫނިއާ ޑިވިޜަންގެ އިމްތިހާނުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން އެއްވަނަ ހޯދައިގެންނެވެ.
މިއީ އިންޑިއާގެ ޝަރުއީ ދާއިރާގައި އެންމެންނަށް ފުރުސަތުދީ ބައިވެރިކުރުމުގެ ސިޔާސަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިތާ މަދު މަސްކޮޅެއްގެ ތެރޭގައި މި އިމްތިހާނުން ފާސްވި ތާންޔާ، އިމްތިހާނަށް ތައްޔާރުވީ އަމިއްލައަށް ކިޔަވައިގެންނެވެ. އޭނާ ބުނި ގޮތުގައި ކޯޓުތަކުގައި ވަކާލާތު ކުރުމުގެ މަސައްކަތާއި ކިޔެވުން އެއްވަރެއްގައި ހިފެހެއްޓުމަކީ ބޮޑު ގޮންޖެހުމެކެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ތާންޔާ ބުނީ އޭނާގެ އާއިލާއާއި ސީނިއާ ވަކީލުންގެ ފަރާތުން ލިބުނު އެއްބާރުލުމަކީ މި ކާމިޔާބީގެ އަސްލު ކަމަށެވެ. އަދި އެއްވެސް މީހަކީ ނުކުޅެދޭ މީހެއް ކަމަށް ގަބޫލުނުކުރުމަށް އޭނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ އެހެން ކުދިންނަށް ގޮވާލާފައެވެ.
”އަހަރެން ދުވަހަކުވެސް ހުރަސްތަކަކަށް ނުބަލަން، އަދި އެހެން މީހުންވެސް ތިމާއަކީ ނުކުޅެދޭ މީހެއް ކަމަށް ހީނުކުރުމަށް އެދެން،“ ތާންޔާ ބުންޏެވެ.
ތާންޔާގެ އައްޔަންކުރުމަކީ އިންޑިއާގެ ކޯޓުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ފަހިވަ ކަމުގެ ރަމްޒެކެވެ. އޭނާ ވަނީ ގާނޫނީ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ވަސީލަތްތައް ފަހިކޮށްދޭން ޖެހޭކަން ފާހަގަކޮށްފައެވެ.






