ބަނގްލަދޭޝްގެ އާންމު އިންތިޚާބުގެ ވޯޓުލުން ދިޔައީ އަމާންކަމާއެކު 

އިބްރާހީމްް ސަމީރު
ފެބްރުއަރީ 12, 2026

ބަނގްލަދޭޝްގައި މިއަދު ކުރިއަށްދިޔަ 13 ވަނަ ބަރުލަމާނީ އިންތިޚާބާއި ރިފަރެންޑަމްގެ ވޯޓުލުން ވަރަށް އަމާންކަމާއި ފޯރިއާއެކު ކުރިއަށްދިޔަކަމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނެފިއެވެ. ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވަރު އައިވާސް އިޖާބްސް ވިދާޅުވީ، މިއަދު މެންދުރުވީއިރު ވޯޓުލާ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ފެންނަމުންދާ ކަމަށެވެ.

ޑާކާ ޔުނިވަރސިޓީގެ ކަރޒަން ހޯލް ޕޯލިންގ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިޖާބްސް ވިދާޅުވީ، މުޅި ގައުމުގައި ހަރަކާތްތެރިވާ އީޔޫގެ އޮބްޒާވަރުން މެދުވެރިކޮށް ވޯޓުލުމުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

”މިއީ ބަނގްލަދޭޝްގެ ޑިމޮކްރަސީއަށް ވަރަށް މުހިންމު ދުވަހެއް،“ އޭނާ ވިދާޅުވިއެވެ. އަދި ވޯޓުލުން ނިމެންދެން މި އަމާންކަން ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގެ އޮބްޒަވޭޝަން މިޝަންގެ އިސްވެރިޔާ، އެމެރިކާގެ ކުރީގެ ކޮންގްރެސް މެންބަރު ޑޭވިޑް ޑްރެޔަރ ވެސް ވަނީ ބަނގްލަދޭޝްގެ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި އީދު ފެސްޓިވަލެއް ފަދަ އުފާވެރި މާހައުލެއްގައި ކުރިއަށްދާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ގުލްޝަން ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު އޭނާ ވިދާޅުވީ، ބަނގްލަދޭޝްގެ ރައްޔިތުންގެ މެދުގައި އޮތް އުފާވެރިކަމާއި ޖޯޝް ފެނިވަޑައިގަންނަވާ ކަމަށެވެ.

ޑރ. ޔޫނުސްގެ ނޭޝަނަލް ސިޓިޒަންސް ޕާޓީގެ ތަރުޖަމާނު އަދި އިލެކްޝަން މެނޭޖްމަންޓް ކޮމިޓީގެ ޗެއާމަން އާސިފް މަހްމޫދު ޝުއައިބް ބުޔާން ވިދާޅުވީ، ރޭގެ ވަގުތެއްގައި މަސްރަހު ކުޑަކޮށް ނުތަނަވަސްވި ނަމަވެސް، މިއަދު ހެނދުނުން ފެށިގެން ވޯޓުލުން އޮމާންކަމާއެކު ކުރިއަށްދާ ކަމަށެވެ. ހެނދުނުގެ ވަގުތުތަކުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވި ނަމަވެސް، މުޅި މާހައުލު އޮތީ ކޮންޓްރޯލް ކުރެވިފައިވާ އަމާން ހާލަތެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަމިއްލަ ފުރަތަމަ ވޯޓުލުމަށްފަހު އާސިފް މަހްމޫދު ވިދާޅުވީ، މިއީ އޭނާގެ އިތުރުން ގައުމުގެ 40 މިލިއަނެއްހާ ޒުވާން ވޯޓުލާމީހުންނަށް ލިބޭ އާ ތަޖުރިބާއެއް ކަމަށެވެ. ބައެއް މަދު ހާދިސާތައް ފިޔަވައި، ގިނަ ވޯޓުލާ މަރުކަޒުތަކުގައި އެއްވެސް ހުރަހެއް ނެތި ވޯޓުލުން ކުރިއަށްދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަނގްލަދޭޝްގެ އިންތިޚާބާ ގުޅޭގޮތުން ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ އެދެވޭ ގޮތަށް އިންތިޚާބުގެ ކަންކަން ސިފަ ކޮށްފައެވެ.

މި ލިޔުމާ ގުޅޭ