ތުރުކީ ޕާލަމެންޓްގައި ބޮކްސިން މެޗެއް

އިބްރާހީމްް ސަމީރު
ފެބްރުއަރީ 12, 2026

ތުރުކީގެ އާ ޖަސްޓިސް މިނިސްޓރުގެ މަގާމަށް އަކިން ގުރްލެކް އައްޔަނުކުރުމާ ގުޅިގެން އެ ގައުމުގެ ޕާލަމެންޓްގައި މެންބަރުންގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ އާ ވަޒީރު މަގާމުގެ ހުވާކުރެއްވުމަށް ތައްޔާރުވަމުންދަނިކޮށް އިދިކޮޅު މެންބަރުން އެކަމަށް ހުރަސްއެޅުމުގެ ސަބަބުންނެވެ.

މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި، އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވަނީ އަކިން ގުރްލެކްގެ އައްޔަނުކުރުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ. މި އިހުތިޖާޖު ހޫނުވެ، ބައެއް މެންބަރުން ގަޔަށް އަތްލައި އެކަކު އަނެކަކަށް ކޮޅުފައިންނާއި ގޮށްމުށުން ބިޮކްސިން ތަލައި ހަމަލާދީފައިވާ މަންޒަރުތައް ވަނީ ފެނިގެން ގޮސްފައެވެ.

އިދިކޮޅު މެންބަރުން ތުހުމަތުކުރާ ގޮތުގައި އަކިން ގުރްލެކް އަކީ މީގެ ކުރިން ޗީފް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހުންނެވިއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް ހިންގި ހަރުކަށި ފިޔަވަޅުތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެހެންކަމުން އޭނާ ވަޒީރުކަމަށް އައްޔަނުކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު އަދި މައްސަލަ ބޮޑު ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ.

ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ނިންމެވުން ދިފާއުކުރައްވާފައެވެ. އެ މެންބަރުން ވިދާޅުވީ އަކިން ގުރްލެކް އަކީ ގާނޫނީ އިމުގެ ތެރެއިން އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށާއި، އޭނާ އައްޔަނުކުރުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

މި ހަމަނުޖެހުމުގެ ސަބަބުން ޕާލަމެންޓްގެ ޖަލްސާ މެދުކަނޑާލަން ޖެހުނެވެ. މިއީ ފަހަކަށް އައިސް ތުރުކީގެ ސިޔާސީ މަސްރަހުގައި އުފެދުނު އެންމެ ބޮޑު ނުތަނަވަސްކަމެވެ.

މި ލިޔުމާ ގުޅޭ