މަންޒިލް އޮޅިގެން ފްލައިޓަށް އެރި ފަސިންޖަރަކަށް މުޅިން އެހެން ގައުމަކަށް ދެވިއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 12, 2026

އެމެރިކާގެ ލޮސް އެންޖެލެސްއިން ނިކަރާގުއާގެ މަނަގުއާއަށް ދާން ފުރި ފަސިންޖަރަކަށް، އޮޅިގެން އެހެން ފްލައިޓަކަށް އެރިގެން މުޅިން ތަފާތު ގައުމަކަށް ދެވުނު ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެމެރިކާގެ މި ފަސިންޖަރު ގޮސްފައިވަނީ ޖަޕާނަށެވެ.

ޔުނައިޓެޑް އެއާލައިންސްގެ ތަރުޖަމާނު ވަނީ މި ހާދިސާ ހިނގާފައިވާކަން ކަށަވަރުކޮށްދީފައެވެ. ތަރުޖަމާނު ވިދާޅުވީ ބޯޑިން ޕާސް އޮއްވައި މިފަދަ ކަމެއް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެއާލައިންގެ ފަރާތުން ވަނީ ފަސިންޖަރުގެ ކިބައިން މައާފަށް އެދި، ޓިކެޓްގެ ފައިސާ އަނބުރާ ދިނުމުގެ އިތުރުން ޓްރެވަލް ކްރެޑިޓްވެސް ދީފައެވެ.

މި ދަތުރުގައި ފަސިންޖަރަށް މައްސަލައެއް އުޅޭކަން ފާހަގަވީ ލޮސް އެންޖެލެސްއިން  ދިއުމަށް ހޭދަވާންޖެހޭ ތިން ގަޑިއިރުގެ ބަދަލުގައި، ހަ ގަޑިއިރު ވީއިރުވެސް މަންޒިލަށް ނުދެވުމުންނެވެ. އޭނާ ފްލައިޓް އެޓެންޑެންޓުންނާ ސުވާލުކުރީ ދަތުރު މިހާ ބޮޑަށް ދިގުލައިގެން ދަނީ ކީއްވެގެންތޯއެވެ. އޭރު އޭނާއަށް އިނީ ޖަޕާނުގެ ޓޯކިޔޯއަށް ދަތުރުކުރާ ފްލައިޓެއްގައެވެ.

ޖަޕާނުގެ އެއާޕޯޓަށް ފްލައިޓް ޖެއްސުމުން، އެއާލައިންގެ ފަރާތުން ވަނީ އެ ފަސިންޖަރު ދެ ރޭ ވަންދެން ހޮޓަލެއްގައި ބައހައްޓާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާ ދާން ބޭނުންވި އަސްލު މަންޒިލަށް ދިއުމުގެ އިންތިޒާމުތައް އެއާލައިނުން ވަނީ ހަމަޖައްސައިދީފައެވެ.

މި ހާދިސާއާ ގުޅިގެން އެއާލައިނުން ފުރަތަމަ ބަދަލެއްގެ ގޮތުގައި ހުށަހެޅީ 300 ޑޮލަރުގެ ޓްރެވަލް ކްރެޑިޓެކެވެ. ނަމަވެސް ފަހުން އެ އަދަދު ވަނީ 1,000 ޑޮލަރަށް އިތުރުކޮށްފައެވެ. ބޯޑިން ޕާސް ޗެކްކުރުމުގެ ހަރުދަނާ ނިޒާމެއް އޮންނަ އިރު، ފަސިންޖަރަކަށް ނުބައި ފްލައިޓަކަށް އެރޭނީ ކިހިނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މި ލިޔުމާ ގުޅޭ