ބަރަކާތްތެރި ރަމަޟާން މަސް ގާތްވަމުން އަންނައިރު، ފަލަކީ ހިސާބުތަކަށް ބިނާކޮށް ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމުތަކުގައި ރޯދަމަސް ފަށާނެ ތާރީޚު އިއުލާނުކުރަން ފަށާފައެވެ. އެގޮތުން އޮސްޓްރޭލިއާއާއި ތުރުކީވިލާތާއި ސިންގަޕޫރުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ 19 ވާ ބުރާސްފަތި ދުވަސް ކަމަށް އެ ގައުމުތަކުން ވަނީ ކަނޑައަޅާފައެވެ.
އިސްލާމީ ބައެއް ގައުމުތަކުން ހަނދު ފެނުމަށް (ލޮލަށް ނުވަތަ ޓެލެސްކޯޕުން) ބަރޯސާވާއިރު، އަނެއްބައި ގައުމުތަކުން ބަރޯސާވަނީ ފަލަކީ ހިސާބުތަކުން ހަނދު ހުންނާނެ ކަމަށް ލަފާކުރާ ގޮތުގެ މައްޗަށެވެ.
ތުރުކީވިލާތުގެ ދީނީ ކަންތައްތަކާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު އިސްލާމީ އެއްވެސް ގައުމަކަށް ނުވަތަ އެމެރިކާ ބައްރުގެ ގައުމުތަކަށް ވެސް ހަނދު ފެނުމަކީ މުސްތަހީލު ކަމެކެވެ. ތުރުކީގެ ހިސާބުތަކުގައި މި ސަރަހައްދުތަކަށް ރިއާޔަތް ކުރަނީ އެ ގައުމުތަކަށް ރޭގަނޑުވާ ވަގުތަކީ ތުރުކީއަށް ވެސް ރޭގަނޑުވާ ވަގުތަށް ވާތީއެވެ.
މި ހިސާބުތަކަށް ބަލާއިރު ހަނދު ފެންނާނީ ފެބްރުއަރީ 18 ވާ ބުދަ ދުވަހުއެވެ. އެހެންކަމުން، ތުރުކީގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަސް ކަމަށް ވަނީ ނިންމާފައެވެ.
ސިންގަޕޫރުގެ އިސްލާމީ ދީނީ މަޖިލީހުން (މުއިސް) ވެސް ވަނީ ނިންމުމެއް ނިންމާފައެވެ. އެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންގާރަ ދުވަހު ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށާއި، އެހެންކަމުން އެ ގައުމުގައި ވެސް ރަމަޟާން މަސް ފަށާނީ ފެބްރުއަރީ 19 ގައި ކަމަށެވެ.
މި ދެ ގައުމުގެ އިތުރުން، އޮމާނުން ވެސް އިއްޔެ ވަނީ އެ ގައުމުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 19 ކަމަށް އިއުލާނުކޮށްފައެވެ. މިއާއެކު، ފެބްރުއަރީ 19 ގައި ރޯދަ ހިފަން ފަށާ ގައުމުތަކުގެ ލިސްޓަށް ތުރުކީއާއި ސިންގަޕޫރު މިވަނީ އިތުރުވެފައެވެ.






