އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން އޭނާއަށް މައާފު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައިވާ ހުށަހެޅުން ދިރާސާ ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިސްރާއީލުގެ ރައީސް އިކްސާކް ހެރްޒޮގް ބުނެފިއެވެ.
އިސްރާއީލުގެ ރައީސްގެ އޮފީހުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޓްރަމްޕްގެ ހުށަހެޅުމާ މެދު ރައީސް ގޮތެއް ނިންމާނީ ގާނޫނާއި ދައުލަތުގެ މަސްލަހަތަށް ބެލުމަށްފަހު ކަމަށެވެ. އަދި މި ނިންމެވުން ނިންމާނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، އަމިއްލަ ސިކުނޑިން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އިސްރާއީލަކީ މިނިވަން މުސްތަގިއްލު ގާނޫނީ ދައުލަތެއްކަން އެ އޮފީހުން ވަނީ ޓްރަމްޕަށް ހަނދާންކޮށްދީފައި ވެއެވެ.
ނަތަންޔާހޫއަށް މައާފު ދިނުމުގެ މައްސަލަ ފެންމަތިވެފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓްރަމްޕް އެކަމަށް ގޮވާލައްވަން ފެއްޓެވުމާ ގުޅިގެންނެވެ. އަންހެނުން ރޭޕްކޮށްގެން ކޮށްވެރިކޮށްފައިވާ ޓްރަމްޕް ވަނީ ނަތަންޔާހޫގެ މައްޗަށް ކުރިއަށްދާ ޝަރީއަތްތަކަކީ އިންސާފުން ބޭރު ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އޮކްޓޯބަރު 13 ވަނަ ދުވަހު އިސްރާއީލުގެ ކެނެސެޓްގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް ވަނީ ރަސްމީކޮށް މި ހުށަހެޅުން ހެރްޒޮގަށް ހުށަހަޅުއްވާފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އިސްރާއީލުގެ ރަސްމީ މީޑިއާ ”ކާން“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ ފިއްތައި ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މިކަމާ ގުޅޭ ރަސްމީ ސިޓީއެއް ރައީސް ހެރްޒޮގަށް ފޮނުއްވާފައެވެ. އަދި ނޮވެމްބަރު 30 ވަނަ ދުވަހު ނަތަންޔާހޫގެ ވަކީލުން މެދުވެރިކޮށް ރަސްމީކޮށް މައާފަށް އެދި ރައީސަށް ވަނީ ހުށަހަޅާފައެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ތިން މައްސަލައެއްގައި ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި 700،000 އަށްވުރެ ގިނަ އިސްރާއީލު ޝެކެލް (ގާތްގަނޑަކަށް 230،000 ޑޮލަރު) ގެ އަގުހުރި ހަދިޔާ ރިޝްވަތަށް ހޯދުމާއި، މީޑިއާ ކަވަރޭޖް ވަކި ގޮތަކަށް ބެހެއްޓުމަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ހިމެނެއެވެ. ނަތަންޔާހޫ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރެއެވެ.
2020 ވަނަ އަހަރުން ފެށިގެން ތަލް އަވީވް އަދި ހިފާފައިވާ ގުދުސްގެ ކޯޓުތަކުގައި މި މައްސަލަތަކުގެ ޝަރީއަތް ހިނގަމުންދާއިރު، ނަތަންޔާހޫ ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޯޓުގައި ބަޔާން ދޭން ފައްޓާފައެވެ.






