125 އަހަރަށްފަހު އިނގިރޭސިވިލާތުން ކޮލެރާ ޖެހިގެން މީހަކު މަރުވެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 13, 2026

އިނގިރޭސިވިލާތުގެ ނަނީޓަން ސިޓީގެ ޖޯޖް އެލިއަޓް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ފިރިހެނަކު ކޮލެރާ ބަލީގައި މަރުވެއްޖެއެވެ. މިއީ ފާއިތުވި 125 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުން މި ބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބަލިމީހާގެ ހާލަތު ގޯސްވާން ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގޭގައި ހުއްޓާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިދިޔަ އާދީއްތަ ދުވަހު އާއިލާގެ ހާޒިރުގައި ވަނީ މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން ސިއްހީ މާހިރުންގެ ސަމާލުކަން ހުއްޓިފައިވާ އެންމެ ބޮޑު ސަބަބަކީ، މަރުވި މީހާއަކީ ފަހުގެ ތާރީޚެއްގައި ގައުމުން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވުމެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ އެންމެ ހަގު ދަރިފުޅާއެކު އާދައިގެ ދިރިއުޅުމެއް ކަމަށް ރިޕޯޓުތައް ބުނާއިރު، ބަލި ޖެހުނު ގޮތެއް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮލެރާއަކީ ތަޣައްޔަރުވެފައިވާ ފެން ނުވަތަ ކާނާގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބޮޑުކަމުދާ ތަކެތި ފެންގޮތަށް ބޭރުވުމާއި ހޮޑުލުން މެދުވެރިވެ، ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެއެވެ. މި ބަލީގެ އިންކިއުބޭޝަން މުއްދަތަކީ އެއް ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތެކެވެ.

އިނގިރޭސިވިލާތުގެ ތާރީޚަށް ބަލާއިރު، ވިކްޓޯރިއަން ޒަމާނުގައި (1831 އާއި 1865 އާ ދެމެދު) މި ބަލީގައި އެތައް ހާސް ބަޔަކު މަރުވެފައިވެއެވެ. ނަމަވެސް، ނަރުދަމާގެ ނިޒާމު ހަރުދަނާކޮށް ސާފު ބޯފެން ފޯރުކޮށްދޭން ފެށުމުން މި ބަލި ވަނީ އެ ގައުމުން މުޅިން ނެތިގޮސްފައެވެ. އިނގިރޭސިވިލާތުން އެންމެ ފަހުން ކޮލެރާ ބަލީގައި މީހަކު މަރުވި ކަމަށް ރެކޯޑު ކުރެވިފައިވަނީ 1901 ވަނަ އަހަރުއެވެ.

މި ލިޔުމާ ގުޅޭ