ޖެފްރީ އެޕްސްޓީން ޖަލު ގޮޅީގައި މަރުވެފައި އޮއްވާ ފެނުނު ހާދިސާގައި، އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ނިންމާފައިވާ ނިންމުމަށް މަޝްހޫރު ފޮރެންސިކް ޕެތޮލޮޖިސްޓް ޑރ. މައިކަލް ބޭޑަން އަނެއްކާވެސް ސުވާލު އުފައްދައިފިއެވެ. އެޕްސްޓީންގެ އާއިލާގެ ފަރާތުން އޮޓޮޕްސީގައި ބައިވެރިވި ބޭޑަން ބުނާ ގޮތުގައި، ހަށިގަނޑުން ފެންނަން ހުރި ހެކިތަކުން ބޮޑަށް ބުރަވެވެނީ އޭނާ މަރުވީ ކަރުގައި ހިފާ ނޭވާ ހާސްކޮށްލައިގެން ކަމަށެވެ.އަދި ފަހުން އެލުވާލީ ކަމަށެވެ.
ޔޫއޭއީއާއި އެމެރިކާގެ ވެރިންނަށް އަންހެނުން ހޯދައިދީ އިންސާނީ ވަގުފާރީގެ ސީރިއަސް ތުހުމަތުތަކެއްގައި ޝަރީއަތް ނިމެންދެން ނިއުޔޯކުގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓާ އެޕްސްޓީން މަރުވެފައި އޮއްވާ ފެނުނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭރު ނިއުޔޯކް މެޑިކަލް އެގްޒެމިނާސް އޮފީހުން ނިންމާފައިވަނީ އެއީ ދަންޖެހިގެން ހިނގި އަމިއްލަ މަރުގެ ހާދިސާއެއް ކަމަށެވެ. ނަމަވެސް ބޭޑަން ބުނާ ގޮތުގައި އޭނާގެ ކަރުގެ ކަށިތައް ބިންދައިގެން ގޮސްފައިވާ ގޮތަކީ އާންމުކޮށް ދަންޖެހޭ މީހުންގެ ކިބައިން ފެންނަ ކަމެއް ނޫނެވެ.
އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި އެޕްސްޓީންގެ ކަރުގެ ތިން ތަނަކުން ކަށި ބިންދައިގެން ގޮސްފައިވެއެވެ.
”ފާއިތުވި 50 އަހަރުގެ ތެރޭގައި ޖަލުތަކުގައި ހިނގާފައިވާ މަރުގެ ހާދިސާތައް ތަހުގީގު ކުރިއިރު، ދަންޖެހިގެން މަރުވާ މީހެއްގެ ކަރުން މިފަދަ ގޮތަކަށް ކަށި ބިންދައިގެން ގޮސްފައިވާތީ އަދި ނުދެކެން،“ ބޭޑަން ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އޭރުގެ ޗީފް މެޑިކަލް އެގްޒެމިނާ ޑރ. ބާބަރާ ސެމްޕްސަން މަރުގެ ސަބަބު ކަނޑައެޅުއްވިއިރު އޮޓޮޕްސީ ހެދި ވަގުތު އެތަނަކު ނެތެވެ.
އެޕްސްޓީން މަރުވި ރޭ ޖަލުގެ ސަލާމަތީ ކަންކަން ހުރި ގޮތުންވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން 2023 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އެޕްސްޓީން އޮތް ގޮޅީގައި އިތުރު ބެޑްޝީޓްތަކާއި ފޮތިތައް ހުއްޓެވެ. އަދި އެ ރޭ އޭނާ ބަލަން ތިބި ގާޑުން ގަވާއިދުން ކުރަންޖެހޭ ޗެކްތައް ކޮށްފައި ނުވާއިރު، އެމީހުން ވަނީ ލިޔެކިޔުންތަކުގައި ދޮގު މައުލޫމާތު ޖަހާފައިވާ ކަމަށް އިއުތިރާފްވެފައެވެ.
މީގެ އިތުރުން، ޖަލުގެ ސީސީޓީވީ ފުޓޭޖްތަކުން އެ ރޭ ދަންވަރު 10:39 ހާއިރު އެޕްސްޓީން އޮތް ފަންގިފިލާއަށް މީހަކު ދާ މަންޒަރު ފެންނަ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެފްބީއައި އިން ބުނާ ގޮތުގައި އެއީ އެހެން ގައިދީއެއް ނުވަތަ އޮފިސަރަކަށް ވެދާނެއެވެ. ނަމަވެސް އޭރުގެ އެޓާނީ ޖެނެރަލް ބިލް ބާރް ވިދާޅުވެފައިވަނީ އެ ރޭ އެއްވެސް މީހަކު އެ ސަރަހައްދަށް ވަދެފައި ނުވާ ކަމަށެވެ.
އެޕްސްޓީން ފެނުނުއިރު އޭނާ އޮތީ ގޮޅީގެ ތަޅުންގަނޑުގައި އިށީނދެގެން ކަހަލަ ގޮތަކަށް، ކަރުގައި އޮރެންޖު ކުލައިގެ ފޮތިގަނޑެއް އޮޅާފައެވެ. ޑރ. ބޭޑަން މި މައްސަލަ އަލުން ބަލަން ގޮވާލާފައިވާއިރު، މިއީ އަދިވެސް ނުނިމި އޮތް، ގިނަ ސިއްރުތަކެއް އެކުލެވޭ މައްސަލައެއްގެ ގޮތުގައި އާންމުން ދެކެއެވެ.






