އީރާނާ ދެކޮޅަށް މެދުނުކެނޑި ކުރިއަށްގެންދާނެ ވަރުގަދަ އަދި ދިގުދެމިގެންދާ އަސްކަރީ އޮޕަރޭޝަނަކަށް އެމެރިކާގެ ސިފައިން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުންތަކެއް ހާމަކޮށްފިއެވެ. އިނގިރޭސިވިލާތުގެ ޚަބަރު ފަތުރާ އެޖެންސީއަކަށް މަޢުލޫމާތު ދެއްވަމުން ދެ އޮފިޝަލަކު ވިދާޅުވީ، މިފަހަރުގެ ހަމަލާތައް ރޭވުމުގައި ބޮޑަށް ބަލަމުންދާ ކަމަށާއި، މި ކެމްޕޭނަކީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް ބޮޑު ނުރައްކަލަކަށް ވެދާނެ ކަމެއް ކަމަށެވެ.
އެމެރިކާގެ އަމާޒަކީ ހަމައެކަނި އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ ނޫން ކަމަށާއި، ލީޑަރުން އަވަހާރަ ކޮށްލައި އެ ގައުމުގެ ދައުލަތުގެ މުހިންމު ތަންތަނާއި ސަލާމަތީ މަރުކަޒުތަކަށް ވެސް ހަމަލާދިނުމަށް ރާވަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އަދި މި ހަމަލާތަކާ ގުޅިގެން އީރާނުން ރައްދު ހަމަލާ ދޭނެ ކަމަށް އެމެރިކާއިން ފުރިހަމައަށް ގަބޫލުކުރެއެވެ. މިކަމާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ އެމެރިކާއިން ހަމަލާދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ ކޮންމެ އަސްކަރީ ބޭހަކަށް ވެސް ހަމަލާދޭނެ ކަމަށެވެ.
މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ޕެންޓަގަންއިން ދަނީ މަތިންދާބޯޓު އުފުލާ އިތުރު މަނަވަރަކާއި، އެތައް ހާސް ސިފައިންނެއްގެ އިތުރުން ހަނގުރާމަމަތީ ބޯޓުތަކާއި ގައިޑެޑް މިސައިލް ޑިސްޓްރޯޔަރުތައް މެދުއިރުމަތީގެ ސަރަހައްދަށް ފޮނުވަމުންނެވެ. އެމެރިކާގެ އަސްކަރީ ބޭސްތައް އުރުދުން، ކުވެއިތު، ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރޭން، ޔޫއޭއީ އަދި ތުރުކީގައި ގާއިމުކޮށްފައިވެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީރާނަކީ ވަރުގަދަ މިސައިލް ނިޒާމެއް އޮތް ގައުމަކަށް ވުމުން، އެމެރިކާ ސިފައިންނަށް ކުރިމަތިވާނެ ނުރައްކާ ވަރަށް ބޮޑެވެ. އީރާނުގެ ރައްދު ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދީ ހަނގުރާމައަކަށް މިކަން ބަދަލުވުމުގެ ބިރު އެބައޮތެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ، ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމާ ބެހޭގޮތުން މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުގައި އީރާނާ މެދު އަމަލުކުރާނެ ހުރިހާ ގޮތްތަކެއް އެބަހުރި ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އައުމަކީ އުނދަގޫ ކަމެއް ކަމަށާއި، ބައެއް ފަހަރު ބިރުދެއްކުމަކީ ހާލަތު ކޮންޓްރޯލް ކުރުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ. ޓްރަމްޕް އެންމެ ފަހުގެ ނިންމުން ނިންމަވާނީ ގައުމީ ސަލާމަތަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައިގެން ކަމަށް ވެސް ވައިޓް ހައުސްއިން ބުނެފައިވެއެވެ.
އީރާނަށް ރޯދަމަސް ފެށޭއިރު ހަމަލަދީފާނެ ކަމަށް ބެލެވެއެވެ. އެމެރިކާއިން އާމުކޮށް އުދުވާންތައް ފަށަނީ އިސްލާމީ މުނާސަބާއާ ދިމާކޮށެވެ.






