އިންތިޚާބުގައި ވާދަކުރި 41 ސިޔާސީ ޕާޓީއަކަށް އެއްވެސް ގޮނޑިއެއް ނުލިބޭ 

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

ބަނގްލަދޭޝްގައި ބޭއްވި 13 ވަނަ އާންމު އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، އިންތިޚާބުގައި ވާދަކުރި 41 ސިޔާސީ ޕާޓީއަކަށް ގާނޫނުހަދާ މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި އިންތިޚާބަކީ ބޮޑެތި އިއްތިހާދުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވި އިންތިޚާބެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އިންތިޚާބުގައި ޖުމްލަ 59 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައި އޮތްއިރު، އޭގެ ތެރެއިން 50 ޕާޓީއަކުން ވަނީ ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ނަމަވެސް، އިއުލާންކުރި ނަތީޖާތަކަށް ބަލާއިރު މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެވިފައިވަނީ އެންމެ 9 ޕާޓީއަކަށެވެ. ބާކީ 41 ޕާޓީން ގިނަ  ދާއިރާތަކަށް ކެންޑިޑޭޓުން ނެރުނު ނަމަވެސް، އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މިހާތަނަށް ނަތީޖާ އިއުލާންކުރި 297 ދާއިރާގެ ތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިންނެވެ. އެ ޕާޓީން 209 ގޮނޑި ކާމިޔާބުކުރިއިރު، ބަނގްލަދޭޝް ޖަމާއަތޭ އިސްލާމީ އިން ވަނީ 68 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) އަށް ލިބުނީ 6 ގޮނޑިއެވެ.

މި ނަތީޖާއިން ފެންނަނީ ބޮޑެތި އިއްތިހާދުތަކަށް ރައްޔިތުން ތާއީދުކުރި މިންވަރެވެ. މީގެ ކުރިން މަޖިލީހުގައި ނުފޫޒުގަދަ ޕާޓީތަކެއްގެ ގޮތުގައި އޮތް ޕާޓީތަކަށް ވެސް މިފަހަރު ވަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ޖާތިޔާ ޕާޓީ (ޖަޕާ) އަށް އެއްވެސް ގޮނޑިއެއް ލިބިފައި ނުވާއިރު، އެ ޕާޓީގެ ޗެއާމަން ޖީއެމް ގާދިރު ވެސް ވަނީ އޭނާ ވާދަކުރެއްވި ދާއިރާއިން ތިންވަނައަށް ގޮސް ބަލިވެފައެވެ.

އިލެކްޝަން ކޮމިޝަނުގެ ގަވާއިދު ބުނާގޮތުން، ކެންޑިޑޭޓަކު ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާ އަނބުރާ ލިބޭނީ އެ ދާއިރާއަކުން ވޯޓުލީ މީހުންގެ އަށްބައިކުޅަ އެއްބައި ވޯޓު ލިބިގެންނެވެ. ނަމަވެސް، ގިނަ ކުދި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް މި މިންވަރަށް ވޯޓު ނުލިބުމުގެ ސަބަބުން އެމީހުން ބެހެއްޓި 50،000 ޓާކާގެ ޑިޕޮސިޓް ވަނީ ދައުލަތަށް ނަގާފައެވެ.

ބީއެންޕީ އިސްވެ އޮތް އިއްތިހާދުން ޖުމްލަ 212 ގޮނޑި ކާމިޔާބުކުރިއިރު، އޭގެ ތެރޭގައި ބީއެންޕީގެ އިތުރުން ގޮނޮސަމްހަތީ އަންދޮލޮން، ބަނގްލަދޭޝް ޖާތިޔާ ޕާޓީ އަދި ގޮނޮ އަދިކާރު ފަރިޝަދު ހިމެނެއެވެ. އަނެއްކޮޅުން ޖަމާއަތޭ އިސްލާމީ އިސްވެ އޮތް އިއްތިހާދުން ވަނީ 77 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި އެންސީޕީ އާއި ބަނގްލަދޭޝް ޚިލާފަތު މަޖިލިސް ފަދަ ޕާޓީތައް ހިމެނެއެވެ.

މި ލިޔުމާ ގުޅޭ