އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށް އެމެރިކާގެ މުސްކުޅި އަންހެނަކު ދެއްކި ވާހަކަ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

އީރާނުގެ އިގްތިސާދަށް ދޭ ފިއްތުންތައް އިތުރަށް ވަރުގަދަކޮށް، އެ ގައުމުގެ ރައްޔިތުންނަށް އޭގެ ތަދު އިހުސާސްކޮށްދިނުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ކުރީގެ ރައީސާ ނޭންސީ ޕެލޯސީ ގޮވާލެއްވި ގޮވާލެއްވުމަށް އީރާނުގެ ފޮރިން މިނިސްޓްރީން ފާޑުކިޔައިފިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ރަށްފުށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވެސް އޭގެ ތަދު އިހުސާސްވާ މިންވަރަށް އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށް ޕެލޯސީ އެމެރިކާ ސަރުކާރަށް ގޮވާލައްވާފައިވާ ކަމަށެވެ. ”ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި ގަސްދުގައި އާންމު ރައްޔިތުންނަށް އަނިޔާވެރިވުމަކީ ސާފުކޮށް ޓެރަރިޒަމްގެ އަމަލެއް،“ ބަގާއީ ވިދާޅުވިއެވެ.

ޕެލޯސީ މި މޭރުމުން ވާހަކަދެއްކެވީ ހުކުރު ދުވަހު ބޭއްވި މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައެވެ. އޭނާ ވިދާޅުވީ އީރާނުގެ އިގްތިސާދަށް ދޭ ފިއްތުންތައް ވަރުގަދަކުރުމަކީ އެ ގައުމުގެ ވެރިކަން ވައްޓާލުމަށް އޮތް މަގެއް ކަމަށެވެ. މިއީ އެމެރިކާއިން އެ ގައުމަށް ކަމުނުދާ ގައުމުތަކުގެ ރައްޔިތުންނަށް ގަސްދުގައި ދެމުންދާ އަނިޔާވެރިކަމެއް ކަމަށާއި، މިއީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއްގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފައެވެ.

މިކަމާ ގުޅިގެން ސިޔާސީ ދިރާސާވެރިންނާއި ނޫސްވެރިން ވެސް ދަނީ ފާޑުކިޔަމުންނެވެ. ސިޔާސީ ދިރާސާވެރިއެއް ކަމަށްވާ ތުރީތާ ފާސީ ވިދާޅުވީ މިއީ އޮޅުމަކުން ދެކެވުނު ވާހަކައެއް ނޫން ކަމަށާއި، މިއީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފަހަތުގައި އޮތް އަސްލު ފަލްސަފާ ކަމަށެވެ.

ނޫސްވެރިޔާ އެރޮން މާޓޭ ސުވާލު އުފެއްދެވީ އެއް ގައުމެއްގެ ސިޔާސީ މީހަކަށް އަނެއް ގައުމެއްގެ އާންމު ރައްޔިތުންނަށް ތަދު އިހުސާސްކޮށްދިނުމުގެ ހައްގު ލިބިގެންވަނީ ކޮން އުސޫލަކުންތޯއެވެ.

އީރާނުގެ އޮފިޝަލުން މީގެ ކުރިން ވެސް ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދޭ އަދަބެއްގެ ގޮތުގައި ސިފަކޮށްފައެވެ. 2018 ވަނަ އަހަރު އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވެސް ވަނީ އީރާނުގެ ރައްޔިތުން ކާންބޯން ބޭނުންނަމަ އެމެރިކާގެ ބަސް ގަބޫލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

މި ލިޔުމާ ގުޅޭ