ފަލަސްޠީން އެކްޝަން ގްރޫޕް މަނާކުރުމަށް ނިންމި ނިންމުން ކޯޓުން ބާތިލްކޮށްފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

އިނގިރޭސިވިލާތުގެ ސަރުކާރުން 2024 ވަނަ އަހަރު ”ފަލަސްޠީން އެކްޝަން“ ގްރޫޕަކީ މަނާ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ލަންޑަންގެ ހައިކޯޓުން ހުކުމްކޮށްފިއެވެ. ކޯޓުން ނިންމި ގޮތުގައި މި މަނާކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ، އަދި ހޯމް އޮފީހުގެ އަމިއްލަ ސިޔާސަތުތަކާ ވެސް ހިލާފު ނިންމުމެކެވެ.

ކުރީގެ ހޯމް ސެކްރެޓަރީ އިވެޓް ކޫޕާގެ ދައުރުގައި މިދިޔަ ޖުލައި މަހު އެ ޖަމާއަތް މަނާކުރުމާ ގުޅިގެން، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާތްގަނޑަކަށް 3,000 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ ”އަހަރެން ނަސްލު ނައްތާލުމާ ދެކޮޅު، އަހަރެން ފަލަސްޠީން އެކްޝަނަށް ތާއީދުކުރަން“ ފަދަ ލިޔުންތައް ހުރި ބޯޑުތައް ހިފައިގެން ތިއްބައެވެ.

ކޯޓުގެ މި ނިންމުމާއެކު ކޯޓު ސަރަހައްދަށް އެއްވެ ތިބި އެކްޓިވިސްޓުން ވަނީ އުފާފާޅުކޮށްފައެވެ. ކެމްޕޭން ކުރާ ފަރާތްތަކުން ބުނި ގޮތުގައި މި ހުކުމުން ސާފުވެގެން ދިޔައީ ފަލަސްޠީން އެކްޝަންގެ މެންބަރުންނަކީ ޓެރަރިސްޓުން ނޫން ކަމާއި، ސަރުކާރުން މަސައްކަތް ކުރީ އިހުތިޖާޖު ކުރުމާއި ޓެރަރިޒަމާ ދެމެދު އޮންނަ ރޮނގު އޮޅުވާލުމަށް ކަމަށެވެ.

2020 ވަނަ އަހަރު އުފެއްދި ފަލަސްޠީން އެކްޝަން އަކީ އިސްރާއީލުގެ ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ އެލްބިޓް ސިސްޓަމްސްއާ ގުޅުންހުރި އިނގިރޭސިވިލާތުގެ ސައިޓުތަކަށް އަމާޒުކޮށް ސީދާ ހަރަކާތްތައް ހިންގާ ގްރޫޕެކެވެ. ސަރުކާރުން މި ގްރޫޕް މަނާކުރީ މުދަލަށް ގެއްލުން ދިނުމުގެ ހާދިސާތަކެއް ހިންގާފައިވާ ކަމަށް ބުނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ކޯޓުގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު ވޮލްކާާާާ ޓާކް ވިދާޅުވެފައިވަނީ، އިނގިރޭސި ސަރުކާރުގެ އަމަލަކީ ޓެރަރިޒަމާ ދެކޮޅު ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށާއި، އިނގިރޭސިވިލާތުގެ ގާނޫނުތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފައްތަން ޖެހޭ ކަމަށެވެ.

އިނގިރޭސި ސަރުކާރުން ބުނީ ކޯޓުގެ ހުކުމް ދިރާސާ ކުރަމުންދާ ކަމަށާއި، މި މައްސަލަ އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމުމަށް ފެބްރުއަރީ މަހުގެ ނިޔަލަށް މުއްދަތު އޮތް ކަމަށެވެ.

މި ލިޔުމާ ގުޅޭ