އިޒްރޭލު ސިފައިންނަށް ޑްރޯން ފޯރުކޮށްދޭ ކުންފުންޏެއް ނިއުޔޯކުން ބޭރުކޮށްލައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

އެމެރިކާގެ ނިއުޔޯކް ސިޓީގެ މުނިސިޕަލްޓީގެ ބެލުމުގެ ދަށުގައި އޮންނަ ސިނާއީ ސަރަހައްދެއް ކަމަށްވާ ’ބްރޫކްލިން ނޭވީ ޔާޑް‘ އިން، އިޒްރޭލު ސިފައިންނަށް އަސްކަރީ ސާމާނާއި ޑްރޯން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ’އީޒީ އެއީރިއަލް‘  ބޭރުކޮށްލައިފި ކަމަށް އެމެރިކާގެ މީޑިއާން ރިޕޯޓްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ނިއުޔޯކުގެ މޭޔަރުކަމުގެ މަގާމާ ޒަހުރާން މަމްދާނީ ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ސިނާއީ ސަރަހައްދު ބަލަހައްޓާ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ އެ ކުންފުންޏާއެކު ވެފައިވާ ކުލީގެ އެއްބަސްވުން މިދިޔަ މަހު އައު ނުކުރުމަށް ނިންމާފައެވެ. މި ކޯޕަރޭޝަނުގެ ބޯޑު މެންބަރުންނަކީ ސީދާ މޭޔަރު އައްޔަނުކުރައްވާ ބޭފުޅުންނަށް ވާއިރު، މި ނިންމުމާއެކު ނިއުޔޯކުގެ ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

މި ނިންމުމާ ގުޅޭގޮތުން ބްރޫކްލިންގެ ސިޓީ ކައުންސިލް މެންބަރު ލިންކަން ރެސްޓްލަރ ވިދާޅުވީ، އާންމުންގެ މިލްކިއްޔާތުގައި ހުންނަ ބިންތަކާއި ތަންތަނަކީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރާ ޑްރޯން އުފައްދާ ކުންފުނިތަކުގެ މަރުކަޒަކަށް ވެގެންނުވާނެ ކަމަށެވެ. މިއީ އެ ކުންފުނިން އިޒްރޭލުގެ އަސްކަރިއްޔާއާ ބާއްވާ ގުޅުމަށް އިޝާރާތްކޮށް އޭނާ ދެއްކެވި ވާހަކަފުޅެކެވެ.

ނަމަވެސް، މި ނިންމުމަށް ފާޑުވިދާޅުވަމުން ނިއުޔޯކް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަލްމަން ޔީގަރ ވިދާޅުވީ، މިއީ ”މޮޔަ“ ނިންމުމެއް ކަމަށެވެ. އަދި އިޒްރޭލާ ދެކޮޅު ފިކުރުތަކެއްގެ ސަބަބުން ނިއުޔޯކުގައި ހުރި ރަނގަޅު ވަޒީފާގެ ފުރުސަތުތައް ގެއްލުވައިލުމަކީ އިގްތިސާދީ ގޮތުން ކާމިޔާބު ސިޔާސަތެއް ނޫން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

’އީޒީ އެއީރިއަލް‘ އަކީ ހަމައެކަނި އިޒްރޭލުގެ ޖެނޮސައިޑް ބާޒާރަށް ޚިދުމަތްދޭ ކުންފުންޏެއް ނޫނެވެ. އެ ކުންފުނިން އެމެރިކާގެ އެއަރ ފޯސްއާއި ފެޑަރަލް އިދާރާތަކާ ގުޅިގެންވެސް މަސައްކަތް ކުރެއެވެ. އެގޮތުން އެމެރިކާ އާއި މެކްސިކޯ ބޯޑަރު ބެލެހެއްޓުމަށާއި، ’ސުޕަ ބޯލް‘ ފަދަ ބޮޑެތި ކުޅިވަރު ހަރަކާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްވެސް އެ ކުންފުނީގެ ޑްރޯންތައް މީގެ ކުރިން ބޭނުންކޮށްފައިވެއެވެ.

 

މި ލިޔުމާ ގުޅޭ