ޓްރަމްޕަށް ދޭ އަދަބު ވެގެންދާނީ ނަމޫނާއަކަށް: އީރާން

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

އީރާނުގެ އަސްކަރީ އަދި ސިޔާސީ އިސްވެރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ އިންޒާރުތަކެއް އާދީއްތަ ދުވަހު ދެއްވައިފިއެވެ. އީރާނުން ވަނީ ޓްރަމްޕް ދެއްވަމުންދާ އިންޒާރުތަކަކީ ”ޒިންމާދާރުކަން ކުޑަ“ އިންޒާރުތަކެއްގެ ގޮތުގައި ސިފަކޮށް، އީރާނާ ދެކޮޅަށް ކުރިމަތިލުމަކަށް ހިނގައްޖެނަމަ އެއީ ޓްރަމްޕަށް ލިބޭނެ ވަރުގަދަ ”އިބުރަތަކަށް“ ވާނެ ކަމަށް ބުނެފައެވެ. އަދި އުމުރަށް ލަދުގަންނާނެފަދަ އަދަބެއް ޓްރަމްޕަށް ތައްޔާރުކޮށްފައިވާ ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ސިފައިންގެ ޗީފް އޮފް ސްޓާފް، އަބްދުއްރަހީމް މޫސަވީ ވަނީ ޓްރަމްޕްގެ ވާހަކަފުޅުތަކުގައި ހުރި ފުށުއެރުންތަކަށް ފާޑުވިދާޅުވެފައެވެ. މޫސަވީ ސުވާލު އުފެއްދެވީ، ޓްރަމްޕް ހަނގުރާމައިގެ އިންޒާރު ދެއްވާއިރު، އަނެއްކޮޅުން މަޝްވަރާ ކުރުމަށް ގޮވާލައްވަނީ ކީއްވެގެންތޯއެވެ؟

”ޓްރަމްޕް ދެނެގަންނަންޖެހޭނެ ކަމަކީ، އޭނާ ކުރިމަތިލުމަކަށް އަތުވެއްޖެނަމަ، އެއީ އޭނާއަށް ލިބޭނެ ބޮޑު ލަދުހުތުރު އިބުރަތަކަށް ވެގެންދާނެ ކަމެއްކަން. އޭގެ ނަތީޖާގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް އިންޒާރު ދިނުން އޭނާ ހުއްޓާލާނެ،“ މޫސަވީ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ ޝޫރާ ކައުންސިލް ގެ ނައިބު ރައީސް ވެސް ވަނީ ދައުލަތުގެ ޓީވީ މެދުވެރިކޮށް އެމެރިކާއަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އީރާނުގެ ރައްޔިތުން ހަނގުރާމައަކަށް ބޭނުން ނުވި ނަމަވެސް، ގައުމުގެ ސަލާމަތަށް ނުރައްކާވާ ކޮންމެ ކަމަކަށް ވަރުގަދަ ރައްދުލިބޭނެ ކަމަށެވެ. އަދި އެމެރިކާގެ ސިފައިން ބޭނުންނުވާ ހަނގުރާމައެއްގެ ތެރެއަށް ނުވެއްދުމަށް ޓްރަމްޕަށް އޭނާ ގޮވާލެއްވިއެވެ.

މި އިންޒާރުތައް އީރާނުން ދީފައި މިވަނީ، މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ދެއްވި ބަޔާނަކާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ އީރާނާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެހެން ނޫންނަމަ އެގައުމަށް ”ބިރުވެރި ނަތީޖާތަކަކާ“ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އީރާނު ޓީވީން ވަނީ އީރާނަށް ނުރައްކާ ވެއްޖެނަމަ އީރާނުން މަރާލާނެ ޔަހޫދީ ވެރިންގެ ފޮޓޯއާއި ތަފްސީލު ހާމަކޮށްފައެވެ.

މި ލިޔުމާ ގުޅޭ