ޔޫރަޕްގެ ސަރުކާރުތައް ވައްޓާލަން ކަނާތު ފިޔައިގެ ޕާޓީތަކަށް އެމެރިކާއިން ފަންޑުކުރާ ކަމަށް ކުރާ ތުހުމަތުތައް އެމެރިކާއިން ދޮގުކޮށްފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

ޔޫރަޕްގެ ސިޔާސީ މަސްރަހަށް އެމެރިކާއިން ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ސަރުކާރުތައް ވައްޓާލުމަށް އެ ބައްރުގެ ހަރުކަށި ކަނާތު ފިޔައިގެ ޖަމާއަތްތަކަށް ވޮޝިންޓަނުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތައް އެމެރިކާގެ ޚާރިޖީ ވުޒާރާގެ އަންޑަ ސެކްރެޓަރީ ސާރާ ރޮޖާސް ދޮގުކުރައްވައިފިއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ’ޕޮލިޓިކޯ‘ އަށް ދެއްވި އިންޓަވިއުއެއްގައި ރޮޖާސް ވިދާޅުވީ، ޔޫރަޕްގެ ކަނާތު ފިޔައިގެ ޕާޓީތަކަށް އެހީވުމަށް އެމެރިކާއިން ސިއްރު ފަންޑެއް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ”ޔޫރަޕްގައި އިންތިޚާބު ކުރާނެ ބަޔަކު ނިންމުމަކީ އެމެރިކާއިން ކުރާނެ ކަމެއް ނޫން“ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ތުހުމަތުތައް ފެންމަތިވެފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރާ ޔޫރަޕްގެ ޖަމާއަތްތަކަށް އެމެރިކާގެ ސަރުކާރުން އަޑީގައި އޮވެގެން ސިއްރުން ފައިސާ ދީ ގަޑުބަޑުކުރުމަށް އެހީތެރިވާ ކަމުގެ ރިޕޯޓްތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. ޕޮލިޓިކޯއިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޮޖާސް ހިމެނޭހެން ޓްރަމްޕްގެ ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ފްރާންސާއި އިނގިރޭސިވިލާތުގެ ބައެއް ގްރޫޕްތަކާ ބައްދަލުކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ޔޫރަޕްގެ ޖަމާއަތްތަކުގެ ލިސްޓެއް ތައްޔާރުކުރުމަށް ’ހެރިޓޭޖް ފައުންޑޭޝަން‘ ގައި އެދިފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ޔޫރަޕަކީ ވަރުގަދަ އަދި އާރޯ ބައްރަކަށް ވުމަށް ގޮވާލައްވާފައެވެ. އެހެންނަމަވެސް، އެމެރިކާގެ އެންމެ ފަހުގެ ނޭޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީގައި ޔޫރަޕްގެ އެތެރޭގެ ”ދިފާއީ ބާރު ވަރުގަދަކުރުމަށް“ ގޮވާލާފައިވާ ގޮވާލުމަކީ، އެ ބައްރުގެ ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވަައި ސަރުކާރުތައް ބަދަލު ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން، ރޮޖާސް މީގެ ކުރިން ސޯޝަލް މީޑިއާގައި ޖަރުމަނުގެ ހިޖުރަވެރިންނާ ދެކޮޅަށް ކުރެއްވި ޕޯސްޓްތަކާއި، ޔޫރަޕްގެ ޑިޖިޓަލް ސިޔާސަތުތަކަށް ވިދާޅުވި ފާޑުކިޔުންތަކުގެ ސަބަބުން، އޭނާ ކަނާތު ފިޔައިގެ ވިސްނުމަށް ތާއީދުކުރާ ކަމުގެ ބަހުސްތަކެއް ވަނީ އުފެދިފައެވެ. މިކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އެމެރިކާއިން އަބަދުވެސް ރަނގަޅު އަދި ނުބައި ބައިވެރިން ވަޒަންކުރާނެ ކަމަށާއި، ނަމަވެސް އިންތިޚާބުވާ ކޮންމެ ބަޔަކާއެކުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޖަރުމަނުގެ ނާޒީ ’އޭ.އެފް.ޑީ‘ ޕާޓީއާއި ފްރާންސުގެ ’ނޭޝަނަލް ރެލީ‘ ފަދަ ޕާޓީތަކާ އެމެރިކާގެ އަޑީ ދައުުލަތާ އޮންނަ ގުޅުމާ ބެހޭގޮތުން ސުވާލުކުރުމުން ރޮޖާސް ވިދާޅުވީ، އޭނާއަކީ ޑިޕްލޮމޭޓެއް ކަމަށާއި، ޚިޔާލު ތަފާތުވާ ފަރާތްތަކާ ބައްދަލުކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ. މި ޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތަކަކީ ނާޒީފިކުރަށް ސަޕޯޓުކުރާ ބައެކެވެ.

އިންޓަވިއު ނިންމަވާލައްވަމުން ރޮޖާސް ވިދާޅުވީ، ކަނާތު ފިޔައިގެ ޕާޓީތަކާ ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، އިންޓަނެޓް މެދުވެރިކޮށް ހިންގާ ޖިންސީ ގޯނާގެ މައްސަލަތަކާއި ’ޑީޕް ފޭކް‘ ފަދަ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެއްގަލަކަށް އެރޭ ކަންކަން އެބަހުރި ކަމަށެވެ.

މި ލިޔުމާ ގުޅޭ