ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، މުދަލުގެ އަގުތަކަށް ބަދަލު ގެންނަ ފަރާތްތައް 100،000 ދިރުހަމުން ޖޫރިމަނާ ކުރާނެ ކަމަށް ދުބާއީގެ ކަމާބެހޭ އިދާރާތަކުން އިންޒާރު ދީފިއެވެ.
ދުބާއީގެ ކޮންސިއުމަރ ޕްރޮޓެކްޝަން އޮތޯރިޓީގެ އޮފިޝަލުން އެ ސިޓީގެ އެކި މާރުކޭޓުތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ހާމަކުރެއްވި ގޮތުގައި، ރަމަޟާން މަހުގެ ތެރޭގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް އިންސާފެއް ނެތް ގޮތުގައި ބޮޑުކުރާ ވިޔަފާރިވެރިންނާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެއެވެ. އެގޮތުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް އެއްލައްކަ ދިރުހަމާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ ހަނޑޫ، ކިރު، ހަކުރު އަދި ކައްކާ ތެޔޮ ފަދަ އަސާސީ މުދަލުގެ އަގުތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ކަނޑައަޅާފައެވެ. މި ތަކެތީގެ އަގުތައް ހިފެހެއްޓުމަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ހުރިހާ ވިޔަފާރިވެރިންނަށް ވެސް ވަނީ އަސާސީ މުދަލުގެ އަގުތައް ބޮޑުނުކުރުމަށް އަންގައި ވަރުގަދަ އިންޒާރެއް ދީފައެވެ. ރަމަޟާން މަހަކީ މުދަލަށް އޮންނަ ޑިމާންޑް އިތުރުވާ މަހަކަށް ވީނަމަވެސް، އެ ފުރުސަތުގެ ބޭނުން ނަގައިގެން އާންމުންނަށް ދަތިވާނެހެން މުއްސަނދި ވުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދުބާއީގެ ކޮންސިއުމަރ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފައިވެއެވެ.






