ޗައިނާގެ ކަނޑުގެ ސިފައިން، އެ ގައުމުގެ ސިފައިން މަދުން ނޫނީ ބޭނުންނުކުރާ ދުރު ރާސްތާގެ ޖޭ1 ބީއެސްއެޗް މަރުކާގެ ދެ ގޮނޑި ހުންނަ ފައިޓާ ޖެޓުތަކެއްގެ ފޮޓޯތަކެއް އާންމުކޮށްފިއެވެ. މި ފޮޓޯތަކުން ފެންނަނީ ޗައިނާގެ ސަަދަން ތިއޭޓަރ ކޮމާންޑުގެ ދަށުން މި މަތިންދާބޯޓުތައް އުދުހުމުގެ ތަމްރީނުތަކެއް ފުރިހަމަކުރަމުންދާ މަންޒަރެވެ.
މިލިޓަރީ ވޮޗް މެގަޒިންގެ ރިޕޯޓެއްގައިވާ ގޮތުން، ސަަދަން ތިއޭޓަރ ކޮމާންޑަކީ ޓައިވާން ކަނޑުއޮޅިއާއި ދެކުނު ޗައިނާ ކަނޑުގެ އޮޕަރޭޝަންތަކަށް ޒިންމާވާ ކޮމާންޑެވެ. މި ސަރަހައްދަކީ ޗައިނާއާއި ޓައިވާނާ ދެމެދު އަބަދުވެސް ނުތަނަވަސްކަން އޮންނަ ސަރަހައްދެކެވެ.
މި ސަރަހައްދަކީ ކުރިމަތިލުމެއް ހިނގައިފާނެ ފަދަ ނާޒުކު ސަރަހައްދަކަށް ވާތީ، ސަަދަން ތިއޭޓަރ ކޮމާންޑުގެ ދަށުން މަސައްކަތްކުރާ ފައުޖުތަކަށް އާ ހަތިޔާރާއި ވަސީލަތްތައް ހޯދައިދިނުމުގައި ޗައިނާ ސަރުކާރުން އިސްކަންދެއެވެ. މީގެ އިތުރުން ޗައިނާގެ އިގްތިސާދީ މުހިންމު ސިޓީތައް ކަމަށްވާ ޝެންޒެން އަދި ގުއަންޒޯ ފަދަ ތަންތަނާއި، ހައިނާން ޖަޒީރާގައި ހުންނަ ނިއުކްލިއާ ސަބްމެރިން ބޭސް ފަދަ މުހިންމު ތަންތަން ހިމާޔަތްކުރުމުގެ ޒިންމާ އުފުލަނީވެސް މި ކޮމާންޑުންނެވެ.
މި މަތިންދާބޯޓަކީ ސޯވިއެޓް ޔޫނިއަންގެ މަޝްހޫރު އެސްޔޫ27 ފްލޭންކަރ ގެ ފެންވަރު މަތިކޮށް ރަނގަޅުކޮށްފައިވާ ބޯޓެކެވެ. 2009 ވަނަ އަހަރު ހިދުމަތަށް ނެރުނު މި ބޯޓުގައި އާ އިންޖީނުތަކާއި، ޒަމާނީ އިލެކްޓްރޯނިކްސް ސިސްޓަމްތައް ބޭނުންކޮށްފައިވެއެވެ. މި ބޯޓުގެ އަސާސީ މޮޑެލް އުފެއްދުން 2018 ގައި ހުއްޓާލި ނަމަވެސް، ދެ ގޮނޑި ހުންނަ މޮޑެލް އުފެއްދުން ކުރިއަށްދެއެވެ.
ޗައިނާގެ ކަނޑުގެ ސިފައިން ބޭނުންކުރާ މި ބޯޓުތަކަކީ ތަމްރީނުތަކުގެ އިތުރުން ’ކޮމާންޑް އެންޑް ކޮންޓްރޯލް‘ މަސައްކަތްތަކަށްވެސް ބޭނުންކުރެވޭ ބޯޓުތަކެކެވެ.
ކުރީގެ އެސްޔޫ27 އަކީ އޭރު އެމެރިކާގެ މަތިންދާބޯޓުތަކަށްވުރެ ދުރަށް ދަތުރުކުރުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. ޗައިނާގެ ބޯޓުތަކުގައ މި ގާބިލުކަމާއެކު ޒަމާނީ ޓެކްނޮލޮޖީ ހިމެނުމުން، މިއީ ކަނޑުގެ ސަރަހައްދުތަކުގައި ގިނަ ވަގުތު ހަރަކާތްތެރިވުމަށް އެންމެ އެކަށީގެންވާ މަތިންދާބޯޓު ކަމަށް މާހިރުން ފާހަގަކުރެއެވެ.






