ޓްރަމްޕްގެ ރައްޓެހިންނާއި އާއިލީ ކުންފުންޏަށް ޣައްޒާގެ ބިންތައް ފޭރިގަތުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ޙަމާސްގެ ހަތިޔާރު އަތުލުމަށް އިންޑޮނޭޝިއާއިން 8،000 އަށްވުރެ ގިނަ ސިފައިން ފޮނުވުމަށް ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ އެމެރިކާގެ ވޮޝިންޓަނުގައި ބޭއްވި ޓްރަމްޕްގެ ”ޕީސް ކައުންސިލް“ ބައްދަލުވުމުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސުބިއަންޓޯ ވިދާޅުވީ، ރައީސް ޓްރަމްޕްގެ ޣައްޒާ ފޭރިގަތުމުގެ ރޭވުމަށް އިންޑޮނޭޝިއާއިން ތާއީދުކުރާ ކަމަށާއި، ޣައްޒާގައި ހަމަޖެހުން ގާއިމުކުރުމަށް ފޮނުވާ ފައުޖަށް 8،000 ސިފައިން ފޯރުކޮށްދިނުމަށް އެގައުމުން އިލްތިޒާމުވާ ކަމަށެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ބުރާސްފަތި ދުވަހު ފެށި މި ބައްދަލުވުމުގައި ޖުމްލަ 47 ގައުމަކުން ބައިވެރިވެއެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަނުން (އީޔޫ) އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އެމެރިކާއިން ބޭނުންވާ ގޮތަށް ފަލަސްޠީނު އާބާދީ އެކަހެރިކޮށް ޣައްޒާގެ ކަނޑުގެ ސަރަހައްދުން ބައެއް ހިއްކައިގެން ޣައްޒާގައި ދުނިޔޭގެ ފެންވަރުގެ އިމާރާތްތަކާއި ވިޔަފާރި މަރުކަޒުތައް މުއްސަނދިންނަށް ވިއްކާ ގޮތަށް ބިނާ ކުރުމެވެ.
ޓްރަމްޕަށް ޚުޝާމަދު ކުރާ މުސްލިމުންނާއި އަރަބިން ހިމަނައިގެން ޓްރަމްޕް ބޭއްވި ސައްލާ ބައްދަލުވުމުގެ އެޖެންޑާގައި މައިގަނޑު ފަސް ކަމެއް ހިމެނުނެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކުގެ އަތުން ހަތިޔާރު އަތުލުމާއި ޣައްޒާގައި އިމާރާތް ކުރުމާއި ޖެނޮސައިޑް ފޯސްއަށް ހަމަލަ ދިނުން ހުއްޓުވުމާއި ޣައްޒާގައި އިމާރާތް ކުރާ ކުންފުނިތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް ފައުޖުތައް ފޮނުވުމާއި ޣައްޒާ ހިންގާ ޒަޔަނިސްޓް ތްރަމްޕް އިސްވެ ހުންނަ ކޮމިޓީއަށް ބާރުދިނުން ހިމެނެއެވެ.
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށި ފަހުންވެސް ޔަހޫދީން ދަނީ ޖެނޮސައިޑް ހިންގަމުންނެވެ. ނަމަވެސް މި ކަމަށް މުސްލިމުންނާއި އަރަބިން ފަރުވާލެއް ނުބަހައްޓައެވެ. އަދި މި ކަން ހުއްޓުވުމަށް މިކަމަށް ހަތިޔާރުދޭ އެމެރިކާއަށް ފިއްތާކަށްވެސް ވާހަކަ އެއް ނުދައްކައެވެ.






