ޣައްޒާގައި ހިންގާފައިޥާ ފަލަސްޠީނުގެ ޖެނޮސައިޑް ކަމަށް އދން ސިފަކޮށްފައިވާ ޖެނޮސައިޑްގެ ހެކިތައް ނައްތާލުމުގެ މަސައްކަތް އިޒްރޭލާ ހަވާލު ކުރުމަށް ނިންމައިފިއެވެ. އިސްރާއީލުގެ ނޫހެއް ކަމަށްވާ ”ޔެދިއޮތް އަހްރޮނޮތް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮންއަޅައި ސުންނާފަތިކޮށްފައިވާ އިމާރާތްތަކުގެ ކޮންކްރިޓްތައް ނެގުމުގެ މަސައްކަތް އިސްރާއީލުން އިސްވެ އޮވެ ހިންގުމަކީ އެ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ.
ވޮޝިންގޓަންގައި ބޭއްވި ޓްރަމްޕްގެ ”ޕީސް ކައުންސިލް“ ކޮންފަރެންސްގެ ހަވާސާގައި ވާހަކަދެއްކެވި މަސްދަރަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ޓްރަމްޕް ވަނީ މިމަސައްކަތް ޖެނޮސައިޑް ސަރުކާރާ ހަވާލުކޮށްފައެވެ.
އެ މަސްދަރުން ހާމަކުރި ގޮތުގައި، ޣައްޒާގެ ބިންގަރާސްތައް ހަލާކު ކުރުމާއި ބިން ސާފުކުރަން އެނގޭނެ ފަރާތަކީ ހަމައެކަނި އިޒްރޭލެވެ. އެހެންކަމުން، ކޮންކްރިޓްތައް ނެގުމުގެ މަސައްކަތުގެ ކޮންޓްރޯލް އިސްރާއީލަށް އޮތުމަކީ އެ ގައުމުގެ ސިޔާދަތީ އަދި އަސްކަރީ އަދި ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ވޮޝިންގޓަންގައި ބޭއްވި މި ބައްދަލުވުމުގައި ޣައްޒާގެ ކަންކަމަށް މަދުވެގެން 17 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެކި ގައުމުތަކުން ވަނީ ވައުދުވެފައެވެ. މިފައިސާއިން އެއް ބަޔަކީ ޖެނޮސައިޑް ހިންގި ފަރާތުން ކުރާ މަސައްކަތަށް ދޭން ޖެހޭ ފައިސާއެވެ.
މި ފައިސާގެ ތެރޭގައި އެމެރިކާގެ 10 ބިލިއަން ޑޮލަރު ހިމެނޭއިރު، ގަތަރު، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރޭން، ކުވެއިތު، އިން ކުރެ ކޮންމެ ގައުމަކުން 1 ބިލިއަން ޑޮލަރު އަދި އުޒްބެކިސްތާން އަދި އަޒަރުބައިޖާން ފަދަ ގައުމުތަކުފގެ ފައިސާއާއެކު ޖުމްލަ 7 ބިލިއަން ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އދ. މެދުވެރިކޮށް ޣައްޒާއިން ބޭރުކޮށްލާ މީހުންނަށް ސޯޝަލް ހައުސިންތައް ބިނާ ކުރުމަށް 2 ބިލިއަން ޑޮލަރުގެ އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް އިއުލާނު ކުރައްވާފައެވެ. އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފުޓްބޯޅައާ ގުޅުންހުރި މަޝްރޫއުތަކަށް 75 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުގެ ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ފައިސާގެ ވައުދުތައް ވެފައިވީ ނަމަވެސް، އެ ފައިސާ ލިބޭނެ ތާރީޚެއް އަދި ސާފެއް ނުވެއެވެ. އަދި އެ ފައިސާ އިން އިޒްރޭލަށް ލިބޭނީ ކިހާވަރެއެްކަންވެސް ނޭނގެއެވެ.






