ރަމަޟާން މަހުގެ ތެރޭގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާއި ނަފްރަތުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިގޮތުން ދާދި ފަހުން ހިނގި ހާދިސާއެއްގައި، ދަތުރުކުރަމުންދިޔަ ރޭލެއްގެ ތެރޭގައި ކީރިތި ގުރުއާން ކިޔަވަން އިން ދުވަސްވީ މުސްލިމަކަށް ހިންދޫ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އަނިޔާކޮށްފައެވެ.
ހައިދަރުއާބާދުގައި ހުންނަ ޖާމިއާ މިސްކިތުގައި މުސްލިމުން ތަރާވީހް ނަމާދު ކުރަމުން ދިޔަ ވަގުތު، ހިންދޫ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ ބަޔަކު ވަނީ މިސްކިތް ދޮށަށް އެއްވެ އަޑުގަދަކޮށް ލަވަޖަހައި، ނަމާދުގައި ތިބި މީހުންނަށް އުނދަގޫކޮށްފައެވެ. މިއީ މުސްލިމުންގެ ދީނީ އަޅުކަންތަކަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް ފާހަގަކުރެވެއެވެ.
މީގެ އިތުރުން، އުއްތަރު ޕްރަދޭޝްގެ ބަދާޔޫން އަވަށުގައި ވެސް ވަނީ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. އެ ސަރަހައްދުގައި ހިންދޫ ގައުމީ ޖަމާއަތަކަށް ނިސްބަތްވާ މީހަކު ވަނީ މަގުމަތިން ދިޔަ ތިން މުސްލިމަކަށް ހަމަލާދީ، އެމީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައެވެ. މި ހާދިސާއަކީ އެއްވެސް ސަބަބަކާ ނުލައި މުސްލިމުންނަށް އަމާޒުކޮށް ރޯދަމަހު ހިންގި ޖަރީމާތަކެވެ.
ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި މުސްލިމުންނާއި އެހެނިހެން ބައިމަދު މީހުންނަށް އަމާޒުކޮށް ހިންގާ ނަފްރަތުގެ ހާދިސާތައް ވަނީ 13 އިންސައްތަ އިތުރުވެފައެވެ. ނައިނީތާލް ފަދަ ސަރަހައްދުތަކުގައި ވެސް ހިންދޫ ހަރުކަށި މީހުން ވަނީ މުސްލިމުންގެ ފިހާރަތަކަށް ގެއްލުންދީ، މުދާ ހަލާކުކޮށްފައެވެ.
މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، އިންޑިއާގެ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ އިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މިކަންކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް، މިފަދަ ހަމަލާތައް ދޭ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ.






