ދެކުނު ޗައިނާ ކަނޑުގައި ނޫނީ ޕެސިފިކް ސަރަހައްދުގައި ހިނގާ ހަމަނުޖެހުމަކުން އެންމެ ފުރަތަމައަށް އަސަރު ކުރާނެ ޤައުމަކީ އޮސްޓްރޭލިއާކަމަށް މުޙައްލިލުން ބުނެއެވެ.
އޮސްޓްރޭލިއާއަށް މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ މުޅި ސަޕްލައި ޗެއިންއަށް ބުރޫއަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އޮސްޓްރޭލިއާއަށް އޮތް ހައްލަކީ 90 ދުވަހުގެ ތެޔޮ ކަމަށް ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ހަނގުރާމައިގެ ޙާލަތެއްގައި އޮސްޓްރޭލިއާއަށް އަސަރު ކުރާނީ މައިގަނޑު ތިން ދާއިރާއަކުން ކަމަށް ބެލެވެއެވެ. އެއީ، ތެލާއި ބޭހުގެ ދާއިރާއާއި ސްމާޓް ވަސީލަތްތަކުގެ ދާއިރާއެވެ.
އޮސްޓްރޭލިއާއަކީ އިންޓަރނޭޝަނަލް އެނާޖީ އެޖެންސީގެ މެމްބަރެއްކަމުން އޮސްޓްރޭލިއާއަށް 90 ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކޮށްފައި ހުންނަން ޖެހެއެވެ. ނަމަވެސް ދުވަހަކުވެސް އޮސްޓްރޭލިއާއިން އެ މިންވަރަށް ތެލެއް ރައްކަލެއް ނުކުރެއެވެ.
ބޭސް އުފެއްދުމާއި ބޭހަށް ބޭނުންވާ އަސާސީ ބާވަތްތަކާއި އިންގްރިޑިއެންޓްސް އޮސްޓްރޭލިއާއިން އިމްޕޯޓު ކުރަނީ ޗައިނާއިންނެވެ.
ހަމައެފަދައިން އޮސްޓްރޭލިއާގައި ބޭނުން ކުރާ ގެޖެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުގައިވެސް އެޤައުމުން ބަރޯސާ ވަނީ ޗައިނާއަށެވެ.
މުޙައްލިލުން ބުނާ ގޮތުގައި، އޮސްޓްރޭލިއާއިން 90 ދުވަހަށް ބޭނުންވާ އަސާސީ ތިން ބާވަތުގެ ސާމާނުތައް ސްޓޮކް ކޮށްފިނަމަ، 90 ދުވަސް ތެރޭގައި ދެން ހުރި ދުވަސްތަކަށް ކަންކަން ހަމަޖައްސާނެ ގޮތް ހާމަވެގެން ދާނެ ކަމަށެވެ.
ޓައިވާނާ ހެދި އެމެރިކާއާއި ޗައިނާއިން ކޯޅޭއިރު އަދި ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން ބޮޑުވާއިރު ޕެސިފިކް ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގާފާނެ ކަމަކީ މިދުވަސްވަރު ނުވުމަށްވުރެން ވުން ގާތް ކަމެކެވެ. ނަމަވެސް އެކަން ދިމާވާނީ ކޮން އިރަކުން ކަމެއް ނޭނގެއެވެ.






