އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުން ހާހަކަށްވުރެގިނަމީހުން މަރުވެއްޖެ

އަހުމަދު މުހައްމަދު
މާރޗް 4, 2026

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް މިހާރު ދެމުންގެންދާ އުދުވާނީ ހަމަލާ ތަކަށް ފަސް ދުވަސްވީއިރު  އެގައުމުން އެއްހާސް ސާޅީސް ފަސް މީހަކު މަރުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާދިން ފުރަތަމަ ދުވަހުވެސް ސްކޫލަކުން ވަނީ ސަތޭކަ ފަސްދޮޅަސް އަންހެން ކުދީން މަރުވެފައެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފައިވަނީ ⁠އިސްފާހާން ނިއުކްލިއަރ ސައިޓަށް ހަމަލާ ދިނަސް ނިއުކުލިއަރ މެޓީރިއަލް ހިމެނޭ ފެސިލިޓީތަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އެހެން ކަމުން މި ވަގުތު ރޭޑިއޮލޮޖިކަލް ރިލީޒް ވުމުގެ ނުރައްކަލެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް ނިއުކުލިއަރ ފެސިލިޓީތަކުގެ ކައިރީގައި ހުރި ދެ ⁠އިމާރާތަކަށް ⁠ގެއްލުން ވެފައިވާ ކަމަށް ބުނެފައިވެއެވެ.

⁠ރަޝިޔާގެ ⁠ފޮރިން މިނިސްޓްރީން ބުދަ ދުވަހު ބުނެފައިވަނީ އީރާނުގެ ބުޝެހްރު ⁠ނިއުކްލިއަރ އިންޖީނުގެއަށް ⁠އެމެރިކާ-އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ނުރައްކާ އޮތް ކަމަށެވެ. އެސަރަހައްދުން ގޮވުންތަކުގެ އަޑު އިވުނު ކަމަށް ވެސް ބުނެފައިވެއެވެ.

މި ހަނގުރާމައިގައި އީރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމަލާތައް ދޭން ފެށުމުން މުޅި އެ ގައުމުގައި ސައިރެން އަޅުވާފައިވެއެވެ. އީރާނުގެ ބައެއް މިސައިލްތައް ވަނީ އިސްރާއީލުގެ ދިފާއީ އައްޑަނަށް ފޫއަޅުވައި އިސާރާއީލު ތެރެއަށް ވަދެގެންފައެވެ. އެއަށްފަހު ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުން ހަމަލާދޭ ތަންތަނުގެ ތެރޭގައި އިސްރާއީލްގެ ވެރިރަށް ތަލްއަވީވާއި، ގުދުސް، އަދި އެހެން ސަރަހައްދުތައް ވެސް ހިމެނެއެވެ.

މި ލިޔުމާ ގުޅޭ