އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށް ލުބްނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ލުބްނާނުން ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ބަދަލުގައި މަސައްކަތްކުރަނީ ހަނގުރާމަ ހުއްޓުވަން ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ އެގައުމަކީ އެހެން މީހުންގެ ހަނގުރާމަތަކަށް ހުޅުވާލެވިފައިވާ ގައުމެއްނޫން ކަމަށެވެ. އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ބެއިރޫތުގެ އަވަށްތަކުން ގެދޮރު ދޫކޮށް ހިޖުރަ ކުރަން މަޖުބޫރުވެފައިވާ އެތައް ހާސް ރައްޔިތުންނަށް އެހީތެރިކަންދީ ހިމާޔަތް ކުރަން މަސައްކަތް ކުރާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރު ވިދާޅުވީ ލުބުނާނުން މަސައްކަތް ކުރަނީ ހަނގުރާމަ ހުއްޓުވުމަށް ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން އަވަށްތައް ދޫކޮށްދާ މީހުން ރައްކާތެރި ކަމާއެކު އެނބުރި އެމީހެއްގެ ގެއަށް އައުމުގެ ފުރުސަތު ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.






