އީރާނުން އިޒްރޭލުގެ ދެކުނުގެ ޑައިމޯނާއި އަރާދަށް ދިން ހަމަލާގައި ސަތޭކައެއްހާ މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ބެލެވޭ މީހަކު ބުނެފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބަޔާނެއްގައެވެ.
އޭނާ ބުނެފައިވަނީ މިއީ ހަނގުރާމައިގެ ކުރިމަގަށް ދިމާވި ދަތިކަމެއް ކަމަށެވެ. ”މީގެ ކުޑައިރުކޮޅެއް ކުރިން އަހަރެންވާނީ އާރާދުގެ މޭޔަރު ޔާއިރް މާޔަން އާ ވާހަކަ ދައްކައިފައި. އަދި ޒަޚަމްވި މީހުންނަށް އިޒްރޭލުގެ ހުރިހާ ރައްޔިތުން ދުޢާ ކޮށްދިނުމަށް އެދިފައިވާނެ،“ ނަތަންޔާހޫ ކަމަށް ބުނާ މީހާ ލިޔެފައިވެއެވެ.
އޭނާ ބުނެފައިވަނީ ޒަޚަމްވި މީހުންނަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކާ ގުޅިގެން ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދިނުމަށް އޭނާގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލަށް އަންގައިފައިވާނޭ ކަމަށެވެ. މީގެ އިތުރުން ”މިހާރު މިކަމުގައި ހަރަކާތްތެރިވާ އިމަޖެންސީ އަދި ރެސްކިއު ޓީމްތައް ވަރުގަދަކޮށް، ހޯމް ފްރަންޓް ކޮމާންޑްގެ އިރުޝާދުތަކަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަށް ގޮވާލަން،“ ކަމަށް ވެސް ބުނެފައިވެއެވެ. އިޒްރޭލުން ވަނީ އީރާނާ ދެކޮޅަށް ހުރިހާ ގޮތަކުންވެސް ހަމަލާ ދިނުމަށް ނުކުމެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މީގެ ކުރިންވެސް އީރާނުންވަނީ އިޒްރޭލުގެ އަރާދަށް ބެލެސްޓިކް މިސައިލަކުން ހަމަލާދީފައެވެ. އެފަހަރުވެސް އިޒްރޭލުން ވަނީ އެ މިސައިލް ހުއްޓުވަން ނުކުޅެދިފައި ކަމަށް ދަގާޑިއަން އިން ބުނެފައިވެއެވެ. އެ މިސައިލުގައި އެތައް ސަތޭކަ ކިލޯގްރާމްގެ ބޮން ގޮއްވާލެވޭ ވޯހެޑެއް ހުރިކަމަށް ވަނީ ބެލެވިފައެވެ.






