އީރާނުން ބަލިގަބޫލުނުކޮށްފިނަމަ ޓްރަމްޕް ހުރީ "ނަރަކަ" ހުޅުވާލަން ތައްޔާރަށް: ލެވިޓް

ޟަމްރަތު އަހްމަދު
މާރޗް 26, 2026

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އަސްކަރީ ގޮތުން އީރާނު ބަލިވެއްޖެކަން އެގައުމުން ގަބޫލުކުރަން ވެއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވީ އީރާނުން ބަލި ގަބޫލު ނުކޮށްފި ކަމަށްވާނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްހުރީ ނަރަކަ ހުޅުވަން ތައްޔާރަށް ކަމަށެވެ. ”އީރާނުން ބަލި ގަބޫލުކުރަންޖެހޭ. އަސްކަރީ ގޮތުން ބަލިވެއްޖެކަން ގަބޫލު ނުކޮށްފިނަމަ، ހަމަލާތައް ދެމިގެންދާނެ. އަދި މީގެ ކުރިން އެމެރިކާއިން ދިން ހަމަލާތަކަށް ވުރެވަރުގަދަ ހަމަލާ އީރާނަށްދޭން ޓްރަމްޕް ހުރީ ތައްޔާރަށް،“ ލެވިޓް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓްރަމްޕަކީ އޮޅުވާލާނޭ މީހެއްނޫންނެވެ. ”އޭނާ ހުރީ ނަރަކަ ހުޅުވަން ވެސް ތައްޔާރަށް،“ ލެވިޓް ބުންޏެވެ.

އަނެއްކޮޅުން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގަރް ޣަލިބާފް ވިދާޅުވީ، އީރާނުގެ ރަށެއް ހިފަން އެމެރިކާއިން މަސައްކަތްކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ ކަމެއް އެމެރިކާއިން ކޮށްފިކަމަށްވާނަމަ އެ ގައުމުގެ ”މުހިންމު އިންފްރާސްޓްރަކްޗަރ“ ތަކަށް އެއްވެސް ޖެހިލުމެންތި ހަމަލާދޭނޭ ކަމަށްވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އީރާނުގެ ސިފައިން އަންނަނީ ދުޝްމަނުންގެ ހަރަކާތްތައް ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުން ކަމަށެވެ. އެ މީހުން ނުބައިގޮތަކަށް ފިޔަވަޅު އަޅައިފި ނަމަ، ގަލްފް ސަރަހައްދުގައިހުރި އެމެރިކާގެ މުހިންމު އިންފްރާސްޓްރަކްޗަރތައް ސުންނާފަތި ކޮށްލާނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި އިންޒާރަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން އީރާނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނަމުން އަންން ވަގުތެއްގައި ދީފައިވާ ނުރައްކާތެރި އިންޒާރެކެވެ. އީރާނުން ބުނެފައިވަނީ އެމެރިކާއިން ހަދަނީ ދޮގުކަމަށެވެ. އެމެރިކާއާއެކު ސުލްހައިގެ އެއްވެސް ވާހަކައެއް އަދި ނުދެކެވޭ ކަމަށް އެގައުމުންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އީރާނުން ބުނެފައިވަނީ އެމެރިކާއަށް އިތުބާރު ނުކުރާކަމަށެވެ. ސުލްހައިގެ ވާހަކަ ދައްކާކަމަށް ބުނެ އެމެރިކާއިން ދޮގު ހަދަނީވެސް ހަނގުރާމަ އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި ކަމަށް އީރާނުން ވަނީ ބުނެފައެވެ. މިހަނގުރާމައަށް އެމެރިކާއިންދަނީ މެދުއިރުމައްޗަށް އިތުރު ސިފައިންވެސް ފޮނުވަމުންނެވެ.

 

މި ލިޔުމާ ގުޅޭ