އެމެރިކާގެ ސެންޓްރަލް ކޮމާންޑް ޔުނިޓާއި ގުޅުން ހުރި އެލީޓް ޔުނިޓްތައް ހިމެނޭ ގޮތަށް، އެމެރިކާގެ 50 އަށް ވުރެ ގިނަ ސިފައިން، ހުރުމޫޒު ކަނޑުއޮޅިން ހައްޔަރު ކޮށްފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ އެ ބަޔާނުގައި ވަރަށް ހަރުކަށި އިންޒާރެއްވެސް ވަނީ ދީފައެވެ. ”އީރާނަކީ ވެނެޒުއެލާއެއް ނޫން“ ކަމަށާއި، އަދި އެމެރިކާއިން އަޅާ ކޮންމެ ނުބައި ފިޔަވަޅަކާއި މެދު ގޮތްނިންމާނޭ ބާރަކުން ކުރިމަތިލާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް، މި ޙާދިސާ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައި ނުވެއެވެ. މީގެ ކުރިންވެސް އީރާނުގެ މިފަދަ ކޮންމެ ދަޢުވާއަކީ ދޮގު ނުވަތަ އޮޅުވާލުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ބުނެ، އެމެރިކާއިން ވަނީ އެކަންކަން ދޮގުކޮށްފައެވެ. ނަމަވެސް ފަހުން، ޓުރަމްޕުގެ އަނގައިން ބައެއް ކަންކަމަށް އިޢުތިރާފު ވެފައި އެބަހުއްޓެވެ. އެގޮތުން މަތިންދާބޯޓް އުފުލާ މަނަވަރު ޔޫ.އެސް.އެސް އާރު ޖެރަލްޑް ފޯޑަށް އީރާނުން ދިން ވަރުގަދަ ޙަމަލާގެ ވާހަކަ، ޓުރަމްޕް ވަނީ ދައްކާފައެވެ.
ހަނގުރާމައިގެ ނުރައްކާ ކިތަންމެހާވެސް ބޮޑެވެ. ހުރުމޫޒު ކަނޑުއޮޅިއަކީ މިވަގުތު ދުނިޔޭގެ އެންމެ ހޫނު ޗޮކްޕޮއިންޓުގެ ގޮތުގައި ދެމިއޮތްއިރު، ޢަސްކަރީ ހަމަނުޖެހުމާއި، ޑްރޯންގެ ޙަރަކާތްތަކާއި އެކު، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރިމަތިވާ ނުރައްކާތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އީރާނުން މީގެ ކުރިން ވިޔަފާރި އުޅަނދުތައް އަތުލައިގަތް ކަމުގައިވިޔަސް، އެމެރިކާ ސިފައިން އަތުލައިގަތުމަކީ އީރާނުގެ އަސްކަރީ ޤާބިލުކަން ހާމަކޮށްދޭ ކަމެކެވެ.
އިސްތިރާޖީ ގޮތުން މިފަދަ ދަޢުވާތަކަކީ ޙަޤީޤަތްތަކާއި ދުރު ދަޢުވާތަކަކަށްވެސް ވެދާނެއެވެ. އެހެނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފެތުރުމަކީ ހަނގުރާމައިގެ ބައެކެވެ. ވަރުގަދަ އަންދާޒާތަކާއި، ތަޞައްވުރު ބައްޓަންކޮށް، މީހުން ދެކޭގޮތާއި، ރައްދުދޭގޮތް ތަޙުލީލު ކުރުމަކީ ހަނގުރާމައިގެ އުކުޅެކެވެ. ދުނިޔޭގެ ބާރުތަކުން ގާތުން ބަލަމުންދާ ހަނގުރާމައެއްގައި، ރިވާޔަތް ކޮންޓްރޯލް ކުރުމަކީ އަސްކަރީ ބާރާއި އެއްވަރަށް މުހިންމު ކަމެކެވެ.






