ޔޫއޭއީގެ ބަނދަރުގައި އޮތް ކުވައިތުގެ ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާއެއް ދީފިއެވެ. މިހަމަލާގައި އެ ޓޭންކަރުގައި ވަރަށްބޮޑަށް އަލިފާން ރޯވިއެވެ. އެހެންނަމަވެސް ރޯވި އަލިފާންގަނޑު މިހާރުވަނީ ނިއްވާލައިފައެވެ.
ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭޕީސީ) އިން ބުނީ އަލް ސަލްމީ ޓޭންކަރަށް ހަމަލާ ދީފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަނދަރުގައި އޮއްވައި ކަމަށެވެ.
މިހަމަލާއަށްފަހު ކޭޕީސީން ބުނެފައިވަނީ ޓޭންކަރުން ލީކުވަމުންދާ ތެޔޮ ކަނޑުގެ ސަރަހައްދުތަކަށް ފެތުރިދާނޭ ކަމުގެ ބިރުއެބައޮތް ކަމަށެވެ.
ދުބާއީން ބުނެފައިވަނީ ރޯވި އަލިފާން ނިއްވާލައި ހާލަތު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ. އެހެންމަވެސް އެއިން ތެޔޮ ލީކުވާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ދުބާއީގެ މީޑިއާއިން ވަނީ ބުނެފައެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ މި ހަމަލާއަށްފަހު ބާރުގަދަ އަޑެއް އިވިފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހަވީރު 6:00 އާއި 7:00 ދެމެދު ކަމަށް ވެސް ބުނެފައިވެއެވެ.
ކޭޕީސީން ބުނީ ޓޭންކަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ލޮއިޑްސް އެންޑް ޓޭންކަރ ޓްރެކާސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ޓޭންކަރުގައި ކުވައިތާއި ސައުދީ އަރަބިއްޔާގެ ދެ މިލިއަން ފީފާގެ ތެޔޮ ހުއްޓެވެ. އެއީ ޗައިނައަށް ގެންދަން ހަމަޖެހިފައިވާ ތެޔިކަމަށް ވެސް ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ.
ފަހަކަށް އައިސް އީރާނުން ދެމުން ގެންދާ މިފަދަ ހަމަލާތައް ވަނީ އިހުނަށްވުރެ ބޮޑުތަނުން ވަރުގަދަވެފައެވ. އެމެރީކާއާއި އިޒްރޭލުން ބުނެފައިވަނީ އީރާނުގެ އަސްކަރިއްޔާ މީހާރުވާނީ އެއްކޮށް އިނދަޖައްސާފައި ކަމަށެވެ. އެހެންނަމަވެސް އީރާނުން ދެމުންގެންދާ ހަމަލާތައް ދުވަހަކަށްވުރެ ދުވަހެއް އަންނީ ވަރުގަދަވަމުންނެވެ.






