ހުރުމުޒު ކަނޑުއޮޅިއަށް ހުރުމުޒު ކިޔުނީ ކީއްވެ؟

އިބްރާހީމްް ސަމީރު
އޭޕްރިލް 1, 2026

ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ އެއް މަގު ކަމުގައި ބެލެވޭ ތަނެކެވެ. ނަމަވެސް މި ނަމުގެ ފަހަތުގައި ފޯލްކްލޯރާއި، ވިޔަފާރިއާއި، އަދި ބޮޑެތި ހަނގުރާމަތައް އެކުލެވިގެންވާ ވާހަކަތަކެއް ފޮރުވިފައިވެއެވެ.

އެއް ނަޒަރިއްޔާއެއް ބުނާގޮތުން، ހުރްމުޒް ކަނޑުއޮޅީގެ ނަން ނިސްބަތްވަނީ މީލާދީން 10 ވަނަ ގަރުނުގައި އުފެދުނު ގަދީމީ ”ހުރްމުޒް ރަސްކަމަށެވެ“. މި ރަސްކަން ފުރަތަމަ އޮތީ އީރާނުގެ އައްސޭރިފަށުގައެވެ. އޭގެ ފަހުން ”ޖަރޫން“ ޖަޒީރާއަށް އަދި މިހާރުގެ ހުރްމުޒް ރަށަށް ބަދަލުވިއެވެ. މި ރަސްކަމަކީ އެތައް ގަރުނެއް ވަންދެން އިރުމަތީގެ ވިޔަފާރި ކޮންޓްރޯލްކުރި ރަސްކަމެކެވެ.

އަނެއް ނަޒަރިއްޔާއެއްގައި ތާރީޚު އިލްމުވެރިން ގަބޫލުކުރައްވާ ގޮތުގައި، މި ނަން ނެގިފައިވަނީ ”އަހޫރާމަޒްދާ“ އިންނެވެ. ”ހުރްމުޒް“ އަކީ އަލިފާނަށް އަޅުކަން ކުރާ ސާބިއީން ގަބޫލުކުރާ ހެޔޮކަމާއި ހިކުމަތުގެ ކަލާނގެ ކަމަށްވާ ”އަހޫރާމަޒްދާ“ އަށް އަރަބި ބަހުން ކިޔާ އުޅޭ ނަމެވެ. މިއީ އެ ސަރަހައްދުގައި އޮތް ގަދީމީ ފާރިސީ ސަގާފީ ނުފޫޒު ހާމަކޮށްދޭ ކަމެކެވެ.

ބަހަވީ ގޮތުން ބަލާއިރު، ފާރިސީ ބަހުގެ ”ޚުރު-މުޒް“ އިން މި ނަން އައިސްފައިވާ ކަމަށް ބުނާ ރައުޔެއްވެސް އޮވެއެވެ.

”ޚޫރު“ ގެ މާނައަކީ ކަނޑުއޮޅި ނުވަތަ ކޯރުގެ ތުންފަތް މައްޗެއެވެ. އަދި ”މޫޒް“ އަކީ ދޮންކޭލަށް ނުވަތަ ކަދުރު ރުކުގެ ބާވަތަކަށް ނިސްބަތްކޮށް ކިޔާ ނަމެއް ކަމަށ ްބުނެއެވެ. ނަމވެސް މިއީ ތާރީޚު އިލްމުވެރިންގެ މެދުގައި އެހާ މަގުބޫލު ތަފްސީރެއް ނޫނެވެ.

މުސްލިމުންނާ ކުރިމަތިލީ ކޮމާންޑަރު ”ހުރްމުޒް“ އެއްވެސް އުޅުނެވެ!

ކަނޑުއޮޅިއަށް ނަން ދެވިފައިވަނީ ރަސްކަމަކަށް ނުވަތަ ގަދީމީ ކަލާނގެއަކަށް ނިސްބަތްކޮށް ކަމަށް ވީނަމަވެސް، އިސްލާމީ ތާރީޚުގައި ”ހުރްމުޒް“ ގެ ނަން މަޝްހޫރުވެފައިވަނީ އެހެން ގޮތަކަށެވެ. އެއީ ސާސާނީ ރަސްކަމަށް ނިސްބަތްވާ ”އުބުއްލާ“ ސަރަހައްދު މިހާރުގެ އިރާގުގެ ދެކުނު ސަރަހައްދުގެ ގަވަރުނަރެވެ.

ހުރްމުޒްއަކީ ފާރިސީންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ، ”އަސާވިރާ“ ނުވަތަ ފާރިސީންގެ މަތީ ފަންތީގެ ސިފައިންގެ ލަޝްކަރަށް ނިސްބަތްވާ މީހެކެވެ. ބުނެވޭ ގޮތުގައި އޭނާ އަޅައިގެން ހުންނަ ތާޖުގެ އަގު އެއްލައްކަ ދިރުހަމަށް އަރައެވެ. މިއީ ހަމައެކަނި ކިސްރާގެ އަރިސް، އެންމެ މަތީ ދަރަޖައިގެ އަމީރުންނާއި ކޮމާންޑަރުންނަށް ނޫނީ ލިބޭ ޝަރަފެއް ނޫނެވެ.

އޭނާއަކީ އިންތިހާއަށް ބޮޑާ، އަދި އަރަބިންނަށް ނުހަނު ނަފުރަތުކުރި މީހެކެވެ. އޭނާ ހުރީ ސާސާނީ ރަސްކަމުގެ ފަރާތުން އަރަބި ކަރައާވީ ފަޅިން އޮތް އެންމެ ކުރީގެ ދިފާއީ ސަފުގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ނިމުން އައީ ”ޛާތުއްސަލާސިލް“ ހަނގުރާމައިގައި، މާތްﷲ ރުއްސުންލެއްވި މަތިވެރި ސަހާބީ ޚާލިދު ބިން ވަލީދުގެ އަތްޕުޅުންނެވެ.

ޛާތުއް ސަލާސިލް ހަނގުރާމައާއި ތާޖުގެ ވެރިޔާ ”ހުރްމުޒް“ ބަލި ކުރެވުނެވެ.

މި ތާރީޚީ ކުރިމަތިލުން ހިނގީ ހިޖުރައިން 12 ވަނަ އަހަރު (މީލާދީން 633) ގައެވެ. މިއީ އިރާގުގައި ޚާލިދު ބިން ވަލީދު ކުރެއްވި ފުރަތަމަ ހަނގުރާމައެވެ. މިއަށް ”ކާޒިމާ ހަނގުރާމަ“  ޔައުނީ، މިހާރުގެ ކުވެއިތުގައި އޮން ސަރަހައްދުގެ ނަމުންވެސް ނަން ކިޔެއެވެ.

މި ހަނގުރާމައަށް ”ޛާތުއް ސަލާސިލް“ (ހިލިހިލާތަކުގެ ހަނގުރާމަ) އޭ ކިޔުނީ، މުސްލިމުންގެ ކުރިމަތީގައި ފާރިސީ ސިފައިން ބިރުން ފިލައިގެން ދިޔަ ނުދިނުމަށްޓަކައި، އެމީހުން އެކަކު އަނެކަކާ ހިލިހިލާ ޖަހައި ބަނުމަށް ހުރްމުޒް އަމުރުކުރުމުންނެވެ. މިއީ އޭނާގެ ސިފައިންގެ ނަފްސާނީ ބަލިކަށިކަމާމެދު އޭނާ ބިރުގަންނަ މިންވަރު ހާމަވި ކަމެކެވެ.

ހަނގުރާމަ ފެށުމުގެ ކުރިން، ހުރްމުޒް އިސްވެ ޚާލިދު ބިން ވަލީދަށް ކުރިމަތިލުމަކަށް ގޮވައިލިއެވެ. މިއީ ހަމައެކަނި ހިތްވަރުގަދަކަމުން ކުރި ކަމެއް ނޫނެވެ. އޭނާ އޮތީ މަކަރުވެރި ރޭވުމެއް ރާވާފައެވެ. ޚާލިދުގެފާނު ހަނގުރާމައިގައި މަޝްއޫލުވެ އުޅުއްވަނިކޮށް އަވަހާރަކޮށްލުމަށްޓަކައި، ތީރުވެރިންނާއި އަސްވާރުންގެ ގްރޫޕަކާ ސައްލާކޮށް އޭނާ އޮތީ ކުރިން އެއްބަސްވެފައެވެ.

ދެ ކޮމާންޑަރުން ކުރިމަތިލައި ހަނގުރާމަ ފެށުމާއެކު، ހުރްމުޒްގެ މީހުން ކުއްލިއަކަށް ހަމަލާދިނެވެ. ނަމަވެސް އަލްޤަޢުޤާޢު ބިން އަމްރު އައްތަމީމީ ހިތްވަރުގަދަ ކަމާއެކު، އަމުރަކަށް މަޑުނުކުރައްވައި، ވިދުވަރެއް ފަދައިން ކުރިއަށް އަރައިވަޑައިގެން އެ ހަމަލާދިން މީހުން މަރާލެއްވިއެވެ. އެވަގުތު ޚާލިދު ބިން ވަލީދު އެކަލޭގެފާނުގެ މަސައްކަތް ފުރިހަމަކުރައްވައި، ހުރްމުޒްގެ ބޯ ބުރިކޮށްލެއްވިއެވެ.

ހުރްމުޒް މަރުވުމަކީ ފާރިސީންގެ ހިތްވަރު އެލިގެން ދިޔަ ކަމެކެވެ. މީގެ ސަބަބުން މުސްލިމުންނަށް ބޮޑު ނަސްރެއް ލިބި، ސާސާނީ ރަސްކަން ބަލިކޮށްލަން ދޮރު ހުޅުވިގެންދިޔައެވެ.

”ހުރްމުޒް“ އެއްގެ ގޮތުގައި ތަނެއްވެސް އަދި އިންސާނެއްވެސް ވެއެވެ. ކަނޑުއޮޅީގެ ނަން ނިސްބަތްވަނީ ތަނަކަށް ނަމަ، އެއީ ގަދީމީ ރަސްކަމާއި ފޯލްކްލޯރާ ގުޅިފައިވާ ޖިއޮގްރަފީ އަދި ތާރީޚީ ނަމެކެވެ. ނަމަވެސް އެ ނަން ނިސްބަތްވަނީ ކޮމާންޑަރު ހުރްމުޒްއަށް ނަމަ، އެއީ ޚާލިދު ބިން ވަލީދުގެ އަސްކަރީ ހިކުމަތްތެރިކަމުގެ ކުރިމަތީގައި ބަލިވެދިޔަ ސާސާނީ ބޮޑާކަމުގެ ރަމްޒެކެވެ. (މޮނޮކްރޯމް މީޑިއާ ސިންޑިކޭޓް)

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *